އެމެރިކާގައި ވަޒަންވެރިވުމަށް އެގައުމަށް ހިޖުރަކުރާ އާއިލާތައް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބޭތިއްބުމަށް ބާރުދޭ އާ ގަވައިދެއް ތަންފީޒުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އެމެރިކާގެ 19 ސްޓޭޓަކާ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އެޓާނީ ޖެނެރަލް، އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

އޮކްޓޯބަރު މަހުން ފެށިގެން ތަންފީޒުކުރަން ފަށާ ގަވައިދު މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، މިކަން ހުއްޓުވުމަށް ޝަރުއީ އިމުގެ ތެރެއިން އަޅާ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ޓްރަމްޕް ސަރުކާރު ގޮވައިގެން އެމެރިކާގެ 19 ސްޓޭޓަކާ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ބަންޑާރަ ނައިބުން މައްސަލަ ހުށަހަޅާފައިވާ ލޮސް އެންޖަލީސްގެ ޑިސްޓްރިކްޓް ކޯޓަށެވެ.

ދައުވާ ވިދާޅުވެދެއްވަމުން ލޮސް އެންޖަލީސްގެ ބަންޑާރަ ނައިބު ހަވިއޭ ބަސޭރާ ވިދާޅުވީ، މި އާ ގަވައިދަކީ ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ވައްޓާލާ ގަވައިދެއް ކަމަށެވެ. މިއީ އެމެރިކާއަށް އެތެރެވާ ކުދިން ގަވައިދާ ހިލާފަށް ބަންދުގައި ބޭތިއްބުން ހުއްޓުވުމަށް އެމެރިކާގެ މައި ސަރުކާރާ ކޯޓާ ދެމެދު ޟީގެ އެތައް އަހަރެއް ކުރިން ވި އެއްބަސްވުމާވެސް ހިލާފު ގަވައިދެއް ކަމަށެވެ.

އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންނާ މެދު އަމަލުކުރަން ފަށާ ހަރުކަށި ގަވައިދުގެ މައްސަލާގައި އެމެރިކާގެ ސަރުކާރާ ދެކޮޅަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވައިޓް ހައުސްއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސަރަހައްދީ އިން ހުރަސްކޮށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންނާ މެދު އެމެރިކާގެ އަދުގެ ސަރުކާރުން މިހާރުވެސް އަމަލުކުރަމުންދާ ލާއިންސާނީ، ހަރުކަށި އުސޫލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރެއްގައި އެމެރިކާގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.