ސަރަހައްދީ ސުލްހައަށް ނުރައްކާ ކުރިމަތިވާ ވަރުގެ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައި ނުވާނެ ކަމަށާ، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލުމަކީ އެގައުމުގެ ދާހިލީ ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށް ދަންނަވައިފިއެވެ.

މޯދީއާއި ގުޓެރޭޒް ބައްދަލު ކުރައްވާފައިވަނީ، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ނުވަތަ ޖީ-7ގެ ސަމިޓްގެ ހަވާސާގައެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އެގައުމުން މިވަގުތު ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ބެހޭ ގޮތުން މޯދީ ވިދާޅުވީ، އެފަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ޖެހުނު އަސާސީ ސަބަބަކީ ޓެރަރިޒަމްގެ ބިރު އޮތުން ކަމަށާ، ގާނޫނާ ގަވައިދުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށްޓަކައި އެ ފިޔަވަޅުތައް އަދިވެސް ދެމިގެންދާނެ ކަމަށެވެ.

ކަންމިހެން އޮތްނަމަވެސް، ފިޔަވަޅުތަކަށް ލުއި ދެއްވާނެ ކަމަށް މޯދީ ވަނީ އިޝާރާތް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވީޖޭ ކޭ ގޯކާލޭ ވިދާޅުވީ، ގުޓެރޭޒް މޯދީއާއި ބައްދަލުކުރައްވާފައިވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ސަމިޓްއާއި ގުޅުންހުރި ކަމެއްގައި ކަމަށެވެ. އަދި މިކަމުގައި މޯދީ ހުންނެވީ ގުޓެރޭޒްއާއި އެކުގައި ކަމަށް މޯދީ ދެންނެވި ކަމަށްވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ދިޔަކަންވެސް ފޮރިން ސެކްރެޓަރީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފަރަންސޭސިވިލާތަށް މޯދީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިތުރުން އިނގިރޭސިވިލާތުގެ ލީޑަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ނަމަވެސް މި ބައްދަލުކުރެއްވުންތަކުގައި ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ނުވާކަމަށް ޚަބަރު ލިބެއެވެ.