އެމެރިކާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ރޫހާނީއާ ބައްދަލުކުރައްވަން ތައްޔާރުކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާއި ގުޅިގެން ފަރަންސޭސިވިލާތާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަކަށްފަހުގައެވެ. މިމަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ، މިހާރު ކުރިއަށްދާ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ނުވަތަ ޖީ-7ގެ ސަމިޓްގެ ހަވާސާގައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯންވެސް ވަނީ ރޫހާނީއާއި ޓްރަމްޕާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެގޮތުން މިހާ ހިސާބަށް އާދެވުނީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން ފުޅާދާއިރާއެއްގައި ލަފާތަކެއް އަރުވައިގެން ކަމަށް މެކަޣޯންވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަރަންސޭސިވިލާތުން ތާވަލެއް އެކުލަވާލާފައިވާއިރު، އެކަމާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ އޭގައި ވަނީ ގަބޫލުކުރެވޭ ވަރުގެ އަމާޒުތަކެއް ކަމަށާ، އީރާނުގެ ލީޑަރުވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ.

އީރާނާ އެމެރިކާގެ ޒަމާންވީ ހަތުރުވެރި ގުޅުން އިންތިހާއަށް ހީނަރުވެގެން ގޮސްފައިވަނީ، އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ކުށްލި ގޮތަކަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށުމާއެކުގައެވެ.