ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވުމާ ހަމައަށް ހުންނަވާނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ޕީޕީއެމްއާ ޕީއެންސީއަށް ނިސްބަތްވާ އިސް މެންބަރުންތަކެއް ވަނީ އެޕާޓީތައް ވަކިވެވަޑައިގެންފައެވެ. އަދި މިރޭގެ ވަގުތެއްގައި އެ މެންބަރުން ޖޭޕީއަށް ސޮއި ކުރައްވާ ކަން ވަނީ އެނގިފައެވެ. އޭގެތެރޭގައި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ޕީއެންސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދާއި ކުރީގެ ނައިބު ރައީސް އަބްދﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.

މިވަގުތު މެލޭޝިޔާގައި ހުންނެވި އަބްދުއްރަހީމް "ދަޕްރެސް"އަށް ވިދާޅުވީ ސިޔާސީ މައިދާނުގައި ހުންނަވާ ކަމަށްވާ ނަމަ ހުންނަވާނީ އަދިވެސް ރައީސް ޔާމީންގެ ފަތްޕުޅުގައި ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުގެ އެހާ ގިނަ އަދަދެއްގެ ބޭފުޅުން ކުއްލި ގޮތަކަށް ޖޭޕީއަށް ސޮއި ކުރައްވަނީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެއެވެ. އަދި ޕީޕީއެމްއާއި ޕީއެންސީން ވަކިވި ސަބަބެއްވެސް ހާމައެއް ނުކުރައްވައެވެ.