ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އިތުރު އެތައް ސަތޭކަ އަލިފާންގަނޑުތަކެއް ރޯވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިތުރު އެތައް ސަތޭކަ ހިސާބެއްގައި އަލިފާންގަނޑުތައް ރޯވަމުންދާކަން ފާހަގަކުރެވިފައި މިވަނީ، އަލިފާންގަނޑުތައް ކޮންޓްރޯލް ކޮށްދިނުމަށް އަސްކަރިއްޔާގެ އެހީތެރިކަމަށް އެދި މި ސަރަހައްދުގެ 9 ސްޓޭޓެއްގެ ތެރެއިން 6 ސްޓޭޓަކުން އާދޭސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބްރެޒީލްގެ ޖަންގަލިތަކުގައި ރޯވަމުންދާ އަލިފާންގަނޑުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ވަނީ، މިކަމުގައި އަސްކަރިއްޔާ ނިކުތުމުގެ އިޒުނަ ދެއްވާފައެވެ. ބޮލްސޮނާރޯއަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާޑުކިއުންތައް އަމާޒުވެފައިވަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ޖަންގަލިތައް ނޮޅާ ސާފުކޮށް، ބިންސާފުކުރުމަށް ބިންތަކުގައި ހުޅުޖެހުމުގެ ހުއްދަ ދެއްވާތީއެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށްފައި/ފޮޓޯ: ކާލް ޑިސޫޒާ

ބްރެޒީލްގެ އެމޭޒަން ޖަންގަލީގައީ ރޯވުމަކީ އަމިއްލަ ވަޒަނުގައި ރޯވުންކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން ބުނަމުންދާއިރު، ނުބެހޭ ކަންކަމާ ނުބެހި ތިބޭށޭ ބުނާ މޭރުމަކުން ބޮލްސޮނާރޯވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިޝާރާތްކުރައްވާފައެވެ.

އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސްވަނީ މުޅި ދުނިޔެއަށް އިލްތިމާސްކުރައްވާފައެވެ. އެމޭޒަން އަކީ ދުނިޔޭގެ އޮކްސިޖަންގެ 20 ޕަސެންޓް އުފައްދާ ދުނިޔޭގެ ފުއްޕާމޭ ކަމަށާ، އެ ޖަންގަލި އަނދަމުންދާތީ ހިތާމަކުރައްވާ ކަން، ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަކުރައްވާފައެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށް އަންދާ އަޅިއަށް ހަދާފައި/ފޮޓޯ: އޭއެފްޕީ

އެމޭޒަން ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ ޒިންމާ، ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަޅުވަނީ ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯގެ ސަރުކާރުގައެވެ.