ބަލިވެއިން ކަމުގެ އާންމު ސިގްނަލްތަކަކީ ގިނަ މީހުންނަށް ފަސޭހަ ކަމާއެކު ނަގައިގަނެވޭ ސިގްނަލްތަކެކެވެ. މޭ ނުބައިކޮށްފައި ހޮޑުލަވާ ގޮތްވުމާ، ބޯއެނބުރުމާ، ހެނދުނު ގަޑީގައި ހޮޑުލެވުމާ، ވަކި ކަހަލަ ކާބޯތަކެއްޗާ ދޯޅަވެ، އަނެއް ބައި ތަކެއްޗާ ދުރުހެލިވުން ފަދަ ބަދަލުތަކަކީ ބަލިވެއިނުމާ އާންމުކޮށް ގުޅުވާލެވޭ ނިޝާންތަކެކެވެ. އެހެނީ، މި ހުރިހާ ނިޝާނެއް އާންމުކޮށް ފެންނަނީ ބަލިވެ އިންނަ އަންހެނެއްގެ ކިބައިން ކަމަށްވުމެވެ. ނަމަވެސް ތަފާތެއް އެބައޮތެވެ. މި ހުރިހާ ނިޝާންތަކެއް ފެނި، އިހުސާސްވި ކަމުގައި ވީ ނަމަވެސް އެމީހަކީ ހަގީގަތުގައި ބަލިވެ އިން މީހަކަށް ނުވެ ހިނގައިދާނެއެވެ. އެހެންވީއިރު، މިވަނީ ކީއް ހެއްޔެވެ!

މި ހާލަތަށް ކިއާ އުޅެނީ ސޫޑޯސާޔެސިސްއެވެ. ނުވަތަ ފެންޓަމް ޕްރެގްނަންސީއެވެ.

ފެންޓަމް ޕްރެގްނެންސީއެއްގެ ތަކުލީފުތައް އުފުލަމުންދާ މީހަކީ، ބަލިވެ އިން ކަމުގެ އިހުސާސް އަންހެން މީހާއަށް ކުރުވާ ހާލަތަކެވެ. ބައެއް ފަހަރު އެތައް މަހަކަށް މި އަލާމާތްތައް ދެމިގެންދެއެވެ. އޭނާ އިނީ ބަލިވެގެން ޔަގީނާ ގާތަށް ކަށަވަރުވާ ހުރިހާ ހާލަތެއް މެދުވެރިވާ ފަހަރު އާދެއެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތަކެވެ.

ފެންޓަމް ޕްރެގްނަންސީ މެދުވެރިވަނީ ކީއްވެ؟

ހަގީގަތުގައި ގަރުބަގަތްފައި ނުވާ ދަރިއަކަށް ބަލިވެއިންކަމުގެ އިހުސާސް ކުރެވުން ނުވަތަ ފެންޓަމް ޕްރެގްނަންސީއެއްގެ ތަކުލީފުތައް އާންމު ގޮތެއްގައި ކުރިމަތިވަނީ ސިއްހީ ބަލިމަޑުކަމެއްގެ ވޭންތައް އުފުލާ މީހުންނަށެވެ. އެގޮތުން ޑިޕްރެޝަންއާއި ދަރިއަކު ނުލިބުން ފަދަ ބަލިތަކުގައި އުޅޭ މީހުންނަށެވެ. ނުވަތަ ދަރިއަކު މަރުވެފައި މީހަކަށްވެސް މިކަމުގެ އުނދަގޫ ޖެހިދާނެއެވެ. މީގެ އިތުރުން ޖިންސީ ގޯނާގެ ސަބަބުންވެސް ފެންޓަމް ޕްރެގްނަންސީއަށް މަގުފަހިވެދާނެއެވެ. ފެންޓަމް ޕްރެގްނަންސީގެ ބައެއް އަލާމާތްތަކަކީ، ރަހިމުގައި ޓިއުމަރެއް އިނުން ފަދަ ސިއްހީ އެހެން ބޮޑު މައްސަލައެއްގެ އަލާމާތްތަކަށްވެސް ވެދާނެއެވެ.

ފެންޓަމް ޕްރެގްނަންސީއެއް ދެނެގަތުމަކީ މާ ފަސޭހަކަމެއްވެސް ނޫނެވެ. ބައެއް މީހުންނަށް މި ހާލަތު މެދުވެރިވަނީ ދަރިއަކު ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ބައެއް މީހުން މިހާލަތަށް ދިއުމުން، އޭނާ އިނީ ހަގީގަތުގައިވެސް ބަލިވެ ކަމަށް ހުރިހާ ގޮތަކުން ގަބޫލުކުރާ ދަރަޖައަށް ކަންކަން ދެއެވެ.

ފެންޓަމް ޕްރެގްނަންސީގެ އާންމު އަލާމާތްތައް

  • މައްސަރުކަންތައް ގަވައިދުން ނުޖެހި މެދުކެނޑުން/ހުއްޓުން
  • އުރަމަތީގެ ސައިޒަށް ބަދަލު އައިސް ރިހޭ ގޮތްވުން
  • އާދަޔާ ހިލާފަށް ވަރުބަލިވެ، މޭނުބައިކޮށްފައި ހުރުން
  • ބަލިވެއިނުމާ ގުޅިގެން އާންމުކޮށް އަންނަ އުނަގަނޑާ ފައިގެ ރިހުންތައް އިހުސާސްވުން
  • ބަރުދަން އިތުރުވުން
  • ބަނޑުގައި އޮތް ދަރިފުޅު ތޮޅޭކަމުގެ އިހުސާސްކުރެވުން
  • ބަނޑުފުރި، ފުއްޕާފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވުން

ގަބޫލުކުރަން ކިތަންމެ ދަތިވިނަމަވެސް، މިފަދަ ނިޝާންތައް ހަށިގަނޑަށް ސިގްނަލްކޮށްދެނީ މީހާގެ ސިކުނޑިންނެވެ.

ފެންޓްމް ޕްރެގްނަންސީގެ ފަރުވާ

ފުރަތަމަ ކަމަކަށްވެސް އޮންނަނީ ބަނޑުގެ ސްކޭންތައް ކުރުމާ، ދަރިމައިވުމުގެ ނިޒާމާ ގުޅިފައިވާ ހަށިގަނޑުގެ ގުނަވަންތަކުގެ ޓެސްޓްތައް ހެދުމާ، ކުޑަކަމުދާތަކެތި ޓެސްޓުކުރުމެވެ. އެމީހަކު އިނީ ބަލިވެ ނޫންކަން ކަށަވަރުކޮށް، އޭނާގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދިފައިވާނަމަ އެ ޓިއުމަރެއް ނެގުމެވެ. އެއަށްފަހު، އެމީހާގެ ނަފްސާނީ ދުޅަހެޔޮކަމުގެ އިމްތިހާނެއް ހަދާ، އެކަމަށް ބޭނުންވާ ފަރުވާ ދޭން ފަށައެވެ.

އާންމު ގޮތެއްގައި ފެންޓަމް ޕްރެގްނަންސީއަށް އޮތް އެންމެ އެކަށީގެންވާ ފަރުވާއަކީ އަނެކުންގެ އިހުސާސްތަކަށް އަޅާލުމާ، އޯގާތެރިކަމާ ހަމްދަރުދީ ފޯރުކޮށްދިނުމެވެ. މިފަދަ ހާލެއްގައި ހުރި މީހަކާ ދިމާލަށް، ތިއީ ހީވާގޮތޭ ސީދާ ބަހުން ބަހަށް ބުނެ އެމީހެއްގެ ހިތް ދަތިކުރުވުމުގެ ބަދަލުގައި، ސިއްހީ ޓެސްޓްތަކުގެ ތެރެއިން މަޑުމަޑުން އެމީހަކަށް އެކަން އަންގާ، ނަފްސާނީ ފަރުވާއާއި ތެރަޕީގެ ތެރެއިން އެމީހަކަށް އެކަން ވިސްނާދިނުން އެދެވިގެންވެއެވެ.

ސިއްހީ ކޮންމެ ކަމެއްގައިވެސް، އެކަމަކާ ގުޅޭ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ ލަފާ، ވީ އެންމެ އަވަހަކަށް ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެހެނީ، ދެމީހެއްގެ ހަށިގަނޑުން އެއް އަލާމާތެއް ފެނުނު ކަމުގައި ވީ ނަމަވެސް އެ ދެމީހުންނަކީ އެއް ބައްޔެއްގެ ވޭން ތަހައްމަލުކުރާ މީހުން ކަމުގައި ނުވެދިއުމުގެ ފުރުސަތު އޮންނަ ކަމެވެ.