ދިރިއުޅުމުގެ އާދަކާދައަށް އައި ނޭދެވޭ ބައެއް ކަހަލަ ބަދަލާ، އެކްސިޑެންޓްތަކާ، ސިއްހީ ދައިރާއަށް ލިބުނު ކުރިއެރުންތަކާ އެކުވެގެން މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދުވަހުގެ ތާވަލުގައި ލިސްޓުކުރަން ޖެހިފައިވާ އެއްކަމަކީ ފިޒިއޯތެރަޕީއޭ ދެންނެވުމަކުން މުޅިން ގޯހެއް ކަމުގައި ނުވާނެއެވެ. ކޮންމެވެސް ކަހަލަ ޖިސްމާނީ އަނިޔާއެއް ވެގެން ފިޒިއޯ ހަދަން ނުޖެހޭ މީހަކު މަދެވެ. ފިޒިއޯ ހަދަންޖެހިފައި ތިބި މީހުންނަކީ ކޮންމެވެސް އަނިޔާއެއްގެ ސަބަބުން ހެލިފެލިވެ އުޅުން ހިސާބަކަށް މަޑުޖެހިފައި ތިބި މީހުންނެވެ. ވީއިރު، ފިޒިއޯއަކީ ހަށިގަނޑުން ބަރުދަން ލުއިކޮށްލުމަށް އެހީވެދޭ ކަމެއްތޯ ބަލަމާ ހިނގާށެވެ.

ފިޒިއޯތެރަޕީއަކީ ހެލިފެލިވެއުޅުމަށް ހިތްވަރުދޭ ފަރުވާއެކެވެ. ފިޒިޒޯ ތެރަޕީ ސެޝަނެއްގެ މައިގަނޑު އަމާޒަކީވެސް ގުޑުވާނުލެވި ހުރި ގުނަވަންތަކަށް ހަރަކާތްތަކެއްގެ ތެރެއިން ފަރުވާދީ، ހެލިފެލިވެކޮށްލުމެވެ. ކަމާބެހޭ ތަޖުރިބާކާރެއްގެ އެހީގައި، ރަނގަށް މިކަމުގެ ހުނަރު ދަސްވެ ހަށިގަނޑުގެ ކަށިތަކާ މަސްތައް ކޮންޓްރޯލް ކުރަން ދަސްވެއްޖެނަމަ ނަސީބު އަތުގައި ހިފީއެވެ. ހުޅުތައް ގުޑުވާނުލެވިގެން ކަސްރަތު ނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ. މިހާ ހިސާބުން، ޑޮކްޓަރުގެ އިރުޝާދާއެކު ޖިމަށްވެސް ދާންވީއެވެ. އެންމެ ފިޓް މީހެއް ފުރަތަމަ ނުއުޅެވުނަސް ބަރުދަން ލުއިކުރުމަށް ފަސޭހަވާނެއެވެ.

ފިޒިއޯތެރަޕިސްޓުންނަކީ ފަރުވާ ހޯދަން އަންނަ މީހުންނަށް ހާއްސަކޮށްގެން ވަކި ޑައެޓް ޕްލޭންތަކެއްވެސް ދިނުމުގެ ތަޖުރިބާއާއި ތަމްރީނު ލިބިފައިތިބި ބަޔަކަށް ވެއްޖެނަމަ، ފިޒިއޯތެރަޕީ ސެޝަންތަކުގެ އެހީގައި ބަރުދަން ލުއިކުރުމުގެ ދަތުރުގައި ލިބޭ ކުރިއެރުންތައް ވަކިން ބޮޑެވެ. މިފަދަ ތަޖުރިބާކާރެއްގެ އެހީ ލިބިއްޖެނަމަ އެމީހެއްގެ ހަށިޑަގަނޑަށް ހެދުމެއް ކަނޑާލާ އުސޫލުން ޑަޔަޓް ޕްލޭނެއް އެކުލަވާލެވި، ކަސްރަތު ތާވަލުތައް ރޭވިގެންދެއެވެ.

ގަވައިދުން ފިޒިއޯ ހެދުމަކީ ހިތުގެ ބަލިތަކުން ދުރުވުމަށްވެސް އެހީވެދޭ ކަމެކެވެ. އެހެނީ، ފިޒިއޯގެ އެހީގައި މީހާގެ ހެލިފެލިވުން ލުއިފަސޭހަ ކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން ކަސްރަތުކޮށް އުޅުމުގައި ބަރުހެލިކަން އިހުސާސް ނުކުރެވޭތީއެވެ.

ވަކި ހުޅެއްގައި ރިއްސާތީ އަނެއް ހުޅުގެ މައްޗަށް ބަރުލައިގެން އުޅެންޖެހުނު ޒަމާން މާޒީވެ، ހުރިހާ ހުޅުތަކެއްވެސް އޭގެ ހަގީގީ ޒިންމާއާއި މައްސޫލިއްޔަތު އަދާކުރަންފެށުމުގެ ނަތީޖާއަކަށް ވަނީ، ލުއިފަސޭހަކަމާއެކު ކަސްރަތުކޮށް، ބަރުދަން ލުއިކުރުމުގެ އަމާޒަށް މާ ގިނަ ދުވަހެއް ނުވެ ވާސިލުވެވޭ ގޮތްވުމެވެ. ނަމަވެސް މި ގޮތަށް ގިނަ ފަހަރު ހިންދާލެވޭނީ، ކުރިން ލިބުނު އަނިޔާގެ ސަބަބުން ހަށިގަނޑުގައި ޖެހި ސަރުބީތަކެވެ. ފިޒިއޯ ހަދަމޭ ބުނެ، ހިތުހިރު ގޮތަކަށް ކެއިންބުއިމުގެ އާދަތައް ރާވާލައިގެން ލިބޭނެ ފައިދާއެއް ނުއޮންނާނެއެވެ.