ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އިންޑިއާގެ މައި ސަރުކާރުން ވެރިކަން ހިންގުމާ ދެކޮޅަށް ސުލްހަވެރި ކަމާއެކު ތެދުވުމަށް، ވަކިވެގަތުމަށް މަސައްކަތްކުރާ ކަޝްމީރުގެ ލީޑަރު ސައީދު އަލީ ޝަހް ގީލާނީ ގޮވާލައިފިއެވެ.

ވަކި ދައުލަތެއްގެ ގޮތުގައި ކަޝްމީރު ދެމި އޮތުމަށް ވަކާލާތުކުރަމުންދާ ފެކްޝަންގެ ލީޑަރު ގީލާނީ އާންމު ކުރި ބަޔާނެއްގައި އޭނާވަނީ، އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާތަކެއް ފެށުމަށް ކަޝްމީރުގެ ރައްޔިތުންނަށް ގޮވާލާފައެވެ.

ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލުމާއެކު ކަޝްމީރުގައި ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު ގޭބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ގީލާނީ ހިމެނެއެވެ.

ގީލާނީގެ އިތުރުން، ކަޝްމީރުގެ ސިޔާސީ މައިދާނުން ފެނުނު އެތައް ސަތޭކަ ލީޑަރުންނަކާ އެކްޓިވިސްޓުންނެއް ވަނީ ޖަލުތަކުގަޔާ އެމީހުންގެ ގެތަކުގައި ބަންދުކޮށްފައެވެ. ގިނަ މީހުން ބަންދުކޮށްފައި ތިބީ ވަގުތީ ޖަލުތަކެއްގައި ކަމަށްވެސް ޚަބަރު ލިބެއެވެ.