ތަރައްގީއަށް މަސައްކަތްކުރެއްވުމުގެ ރޮނގުން ބަހްރައިންގެ ރަސްގެފާނު އަރުވާ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ ކިންގް ހަމަދު އޯޑާ އޮފް ރެނޮސާންސް އެވޯޑް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް އަރުވައިފިއެވެ.

އެވޯޑާ ހަވާލުވެވަޑައިގެން، މޯދީ ވިދާޅުވީ، މި ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ ފަޚްރާ އެކުގައި ކަމަށާ، ބަހްރައިންގެ ރަސްގެފާނު ބަހައްޓަވާ ގާތްކަމަކީ ފަޚްރުވެރިވުން ހައްގު ގާތް ކަމެއް ކަމަށެވެ. އަދި މި ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގަތީ އިންޑިއާގެ 1.3 ބިލިއަން މީހުންގެ ނަމުގައިކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

މި އެވޯޑް މޯދީއަށް އަރުވާފައިވަނީ، އެމަނިކުފާނު ބަހްރައިންއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިއީ މޯދީ ބަހްރައިންއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ބަހްރައިންއަކީ އަރަބި ގަލްފްގެ ގައުމުތަކުގެ ތެރެއިން މި ފަހަގެ ތާރީހެއްގައި މޯދީއަށް ޝަރަފުވެރި އެވޯޑެއް އެރުވި 2 ވަނަ ގައުމެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތުން ފަރުދީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ ޒައިދު މެޑަލް މޯދީއަށް އަރުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގަލްފްގެ ބައެއް ގައުމުތަކުން މޯދީއަށް ޝަރަފުވެރި ލަގަބުތަކަކާ އެވޯޑްތަކެއް ދެމުންދާ މި ދަނޑިވަޅަކީ، އިންޑިއާއާއި ކަޝްމީރުވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމާ އިސްގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލުމަށް އިންޑިއާގެ ހިންދޫ ސަރުކާރުން ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި އިންޑިއާގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.