ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި އޮންނަ ބަލަކޮޓް ސަރަހައްދުގައި ހިންގަމުންދިޔަ ޓެރަރިސްޓް ކޭމްޕުތަކަކަށް އަމާޒުކޮށް ކަމަށް ބުނެ އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ހަމަލާދިން ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިވެކް އޮބެރޯއީ ބުނެފިއެވެ.

"ބަލަކޮޓް-ދަ ޓްރޫ ސްޓޯރީ"ގެ ނަމުގައި މި ފިލްމު އުފައްދާ، ރިލީޒް ކުރަން ހަމަޖެހިފައިވަނީ ހިންދީ ބަހުގެ އިތުރުން ތެލޫގޫ އަދި ތަމަޅަ ބަހުން ކަމަށް މައުލޫމާތު ލިބެއެވެ.

ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމުގައި މަސައްކަތްކުރަމުން އަންނަ ވިވެކް އޮބެރޯއީ ބުނީ، މިއީ އަބީނަންދަން ފަދަ އިންޑިއާ އަސްކަރިއްޔާގެ ސިފައިންގެ ގަދަ ހިތްވަރު ދައްކުވާދޭނެ ފިލްމެއް ކަމަށެވެ. އަބީނަންދަންއަކީ، ޕާކިސްތާނަށް ވައިގެ ހަމަލާދޭން އުޅުމުގެ ތެރޭގައި، ޕާކިސްތާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު މިނިވަންކުރި އިންޑިއާގެ ވައިގެ ސިފައިންގެ ކޮމާންޑަރެކެވެ. މި މައްސަލައާއި ގުޅިގެން އިންޑިއާގެ އެތައް ބަޔަކު ދަނީ އަބީނަންދަންއަށް ބަތޮލެއްގެ ދަރަޖަ ދެމުންނެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ އެސްކޯޓުގައި ވިންގް ކޮމާންޑާ އަބީނަންދަން ވަރުތަމަން އިންޑިއާއަށް އެތެރެވަނީ/ފޮޓޯ: ޕާކިސްތާނު ޓީވީ

"ބަލަކޮޓް-ދަ ޓްރޫ ސްޓޯރީ"ގެ ޝޫޓިންގް މަސައްކަތް މިއަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަސައްކަތްތައް ކުރިއަށްދާނީ ބަލަކޮޓް ހަމަލާއާއި ސީދާ ގޮތުން ގުޅިފައިވާ ޖައްމުއާއި ކަޝްމީރުގެ ސަރަހައްދުގެ އިތުރުން ދިއްލީއާއި އާގްރާގައި ކަމަށް ޚަބަރު ލިބެއެވެ.

ވިވެކް އޮބެރޯއީގެ މަސައްކަތެއް ބޮލީވުޑް ސިނާއަތުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ޕީއެމް ނަރޭންދްރާ މޯދީ"އިންނެވެ.