ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މައި ސިޓީކަމަށްވާ ސްރީނަގަރަށް އިދިކޮޅު ލީޑަރުން އެތެރެވަޑައިގަތުމަށް އިންޑިއާގެ މައި ސަރުކާރުން ހުރަސްއަޅަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ގަވަރުނަރު ސަތްޔާ ޕާލް މަލިކްގެ ދައުވަތަކަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއާއި އެ ޕާޓީގެ އިސް ލީޑަރުން ކަޝްމީރަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، މި ދައުވަތު މިހާރު ކެންސަލްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ރާހުލް ގެންދަވަނީ މި ދަތުރުފުޅު ސިޔާސީ ކުރައްވަމުން ކަމަށް މަލިކް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޖައްމު އާއި ކަޝްމީރުގެ އިދާރާއިންވަނީ އިދިކޮޅު ލީޑަރުން މިވަގުތު ކަޝްމީރަށް ވަޑައިނުގަތުމަށާ، މި ދަނޑިވަޅުގައި ކަޝްމީރަށް ވަޑައިގަތުންވާނީ އާންމު ހާލަތަކަށް ދިއުމަށް އެ ސަރަހައްދުން ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދާނެ ހުރަހަކަށް ކަމަށް ބުނެފައެވެ. އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ބަޔަކަށް ސިޔާސީ ލީޑަރުން ވެގެން ނުވާނެ ކަމަށް ޖައްމުއާއި ކަޝްމީރުގެ އިދާރާއިން ކުރި ޓްވީޓެއްގައިވަނީ ފާހަގަކޮށްފައެވެ.

ކަޝްމީރުގެ ސިޔާސީ މަސްރަހަށް ބަލާއިރު، ސިޔާސީ މައިދާނުން އިސްކޮށް ފެނުނު އެތައް ސަތޭކަ ބަޔަކު މިވަގުތު ތިބީ އިންޑިއާގެ މައި ސަރުކާރުގެ އޯޑަރަކަށް ހައްޔަރުކުރެވިފައެވެ.