އަވަށްޓެރި ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ މެދުގައިވެސް މިފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރުބަދަމަތީ އެލާ ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެ، އަލިފާންގަނޑު ފެތުރެން ފަށައިފިއެވެ.
އެލާ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނާ ގޮތުގައި އަލިފާންގަނޑު މިހާރުވަނީ ރަވާނާ އެލާ ފޯލްސްގެ އިތުރުން އެލާ ވެއްލަވާޔާގެ މައި މަގާ ގުޅޭ 24 ވަނަ ޕޯސްޓާ ހިސާބަށް ފެތުރިފައެވެ.
އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ރޯވެފައިވާ ސަރަހައްދުގެ ގޮތުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
އެލާ ވެއްލަވާޔާގެ މައި މަގަށް ގަލާ ހިލަ ފައިބަމުންދާތީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުންވަނީ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ގޮވާލާފައެވެ.
ބުރާސްފަތި ރޯވާން ފެށި އަލިފާންގަނޑު އަދިވެސް މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ވައިޖެހެމުންދާ ގޮތުން އަލިފާންގަނޑު އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރުވެސް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.