ކަޝްމީރުގެ މައްސަލައަށް މަހެއް ވަނިކޮށް، ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް ރަސްމީކޮށް އެކަމުގައި ބަސް ބުނެފިއެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާއެކު، ކަޝްމީރުގައި އުފެދިފައިވާ މައްސަލަ އަދި ޕާކިސްތާނާ އިންޑިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ނުތަނަވަސް ވެފައިވަނިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހްމޫދު ގުރޭޝީ ގުޅުއްވުމުން ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރު ގުރޭޝީ ވަނީ ޖައްމު-ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާއި، އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާ މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު މިނިސްޓަރު ޝާހިދަށް ދެއްވާފައެވެ.

މި މައްސަލައިގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަހުމަތްތެރި ދެ ގައުމުކަމަށާ، އެ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާ އެކު ހައްލުކުރުން މުހިއްމު ކަމަށެވެ. އަދި އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަގީންކަން އެގައުމުގެ ފޮރިން މިނިސްޓަރަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ދެއްވިއެވެ. އަދި ދެގައުމު ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބަދަހިކަންމަތީ އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކަޝްމީރު މައްސަލަ ހޫނުވެ ލޭ އޮހޮރުވުންތައް ގިނަވެފައި ވާ އިރު، މިހާތަނަށް އެކަމާ ގުޅިގެން ދިވެހި ސަރުކާރުން ބަސް ބުނެފައި ނުވެއެވެ. އަދި ކަޝްމީރު މައްސަލައިގައި އިންޑިއާ އަދި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ ދާހިލީ ހަމަނުޖެހުން އުފެދޭ ހިސާބަށް ވަނީ ގޮސްފައެވެ.