އަވަށްޓެރި އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބައޮތް ކަމަށް ބުނެ، އެސަރަހައްދުތައް ހައި އެލާޓަށް ގެނެސްފިއެވެ.

މި ސަރަހައްދުގައި އިއުލާން ކޮށްފައި ވަނީ ރަތް އެލާޓެއް ކަމަށާ، އެތައް ހާސް ފުލުހުންނެއްވެސް އެލާޓަށް ގެނެސްފައި ވާކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ހައި އެލާޓަށް ގެނައި ސަރަހައްދުތަކުގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިންވެސް ގޮސް އުޅޭ ކޮއިމްބަތޫރާ ޗެންނާއީވެސް ހިމެނެއެވެ. ޗެންނާއީއާއި ކޮއިމްބަތޫރުގެ ހޮޓާތަކާ، އެއާޕޯޓްތަކާ، ރޭލްސްޓޭޝަންތަކުގެ އިތުރުން ތިއޭޓަރުތަކާ، ވިޔަފާރި މޯލްތަކާ، ދީނީ އަޅުކަމަށް ހާއްސަކުރެވިފައިވާ ތަންތަނުގެ ސެކިއުރިޓީވަނީ ވަކިން ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ބައެއް ސަރަހައްދުތައް ހައި އެލާޓަށް ގެނެސް، ފޯރިމެރުން ވަރުގަދަކޮށްފައިވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ލަކްޝްރީ ތޮއިބާ ޖަމާއަތުގެ 6 ޓެރަރިސްޓަކަށް އެ ސްޓޭޓަށް އެތެރެވެފައިވާކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. މި 6 މީހުންގެ ތެރެއިން 1 އަކީ ޕާކިސްތާނު ރައްޔިތެއް ކަމަށާ، ދެންތިބީ ހުސް ސްރީލަންކާގެ ރައްޔިތުންކަމަށް ބެލެވޭކަމަށް މައުލޫމާތު ލިބެއެވެ.

ޓެމިލް ނާޑޫ ސްޓޭޓާ އިންވެގެން އޮންނަ ކެރެލާ ސްޓޭޓްވެސް މިހާރުވަނީ ހައި އެލާޓަށް ގެނެސްފައެވެ.