ބޮޑުކަމުދިއުމުގައި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ މީހުންނަށް އެކަމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން "ޕޫޕް ލައިކް އަ ޗެމްޕިއަން"ގެ ނަމުގައި ހާއްސަ ސީރިއަލްއެއް އުފައްދައިފިއެވެ.

މިއީ ޖޯކެއް ކަމުގައި ހީވި ނަމަވެސް، މިއީ ހަމަ ހަގީގަތުގައިވެސް އުފައްދާފައިވާ ސީރިއަލް ޕެކެޓެކެވެ. މިއީ ސީރިއަލްއަކީ ހަޖަމްކުރުމުގެ ނިޒާމުގެ ހިނގުމަށް ބޭނުންމަށް ފައިބަރުގެ މާއްދާއިން މުއްސަނދި ކުރެވިފައިވާ ސީރިއަލްއެކެވެ.

އެމެރިކާގެ އުފެއްދުމެއްގެ ގޮތުގައި މާކެޓްކުރަމުންދާ "ޕޫޕް ލައިކް އަ ޗެމްޕިއަން" ސީރިއަލްއަކީ އަނގަޔަށް މާ މީރު ނޫން ސީރިއަލްއެއްކަމަށް މި ސީރިއަލް އުފެއްދި ފަރާތުން އިއުތިރާފުވެއެވެ. ނަމަވެސް މަގުސަދަކީ އަނގަޔަށް މީރުވުމެއް ނޫންތާއެވެ. ބޭނުމަކީ ބޮޑުކަމުދާން ފަސޭހަ މަގެއް ހޯދުމެވެ.

އެންމެ ބޮޑު އޮންލައިން ވިޔަފާރި ޕްލެޓްފޯމް އެމެޒޯން މެދުވެރިކޮށް "ޕޫޕް ލައިކް އަ ޗެމްޕިއަން" ސީރިއަލް ގަންނަން ލިބެންހުރިއިރު، މި ހާތަނަށް މި އުފެއްދުން ބޭނުންކުރި ފަރާތްތަކުން މިކަން ކުރީ އެކުވެރިންނަށް ލަނޑުދިނުމަށެވެ. ނަމަވެސް މީގެ ބޭނުންކޮށް، އެކަމުގެ ހަގީގީ ފައިދާ އެނގުމުން، ހަގީގަތުގައިވެސް މި ސީރިއަލް ގަންނަން ބޭނުންވެގެން ގަންނަ މީހުންވެސް މިހާރު އެބައުޅެއެވެ.