ގައިދީންގެ ރުޅިމަޑުކޮށް އެމީހުންގެ ހިތްތަކުގައި އަނދަމުންދާ ނަފުރަތުގެ ގިންޏަށް ފިނިކަމެއް ގެނެސްދިނުމުގެ ނަމުގައި ސްވިޒަލޭންޑްގެ ޖަލުގެ ގޮޅިތަކުގައި ފިޔާތޮށި ކުލަ ލައިފިއެވެ.

ޖަލު ގޮޅިތަކުގައި "ކޫލް ޕިންކް" ނުވަތަ މަޑު ފިޔާތޮށި ކުލަ ލުމަކީ، ވިލާތުގެ ގައުމުތަކުގެ މިފަހަކަށް އައިސް އާންމުވެފައިވާ އާދައެކެވެ. އެ ގައުމުތަކުން މިކަން ކުރަނީ، މި ކުލަ ލުމުން ގައިދީންގެ ރުޅި ކޮންޓްރޯލްވެ، ނަފުރަތުގެ ގިންޏަށް ފިނިކަމެއް ލިބޭތީ ކަމަށް ބުނި ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީ ގައިދީންގެ އަގު ވައްޓާލަން ކުރާ ކަމެކެވެ.

ކުލައަކީ އޭގެ ޒާތުގައި އިންސާނާގެ މޫޑްއާއި އިންތިހާއަށް ކުޅެލާ އެއްޗެކެވެ. މިސާލަކަށް ދަންނަވަނީނަމަ ރަތްކުލައަކީ ކެއުމާ ދޯޅުކުރުވާ ކުލައެކެވެ. މި ފަހަކަށް އައިސް އަޅާ ރެސްޓޯރަންޓްތަކާ ފާސްޓްފުޑް އައުޓްލެޓްތަކުގައި ރަތްކުލަ ބޭނުންކޮށްފައި ހުންނަކަން ފާހަގަ ނުކުރެވޭތޯއެވެ. މިފަދައިން މިޔާތޮށި ކުލައަކީ، އުފާވެރިކަމާ، ހަމްދަރުދީއާއި ގުޅިފައިވާ ކުލައެއް ކަމަށް ބުނެވެއެވެ. ހަމަ މިއާއެކު ފިޔާތޮށި ކުލައަކީ ބަލިކަށިކަމާ، އަންހެންވަންތަކަމުގެ ކުލައެއް ކަމަށް ސިފަކުރާ ބަޔަކުވެސް އުޅެއެވެ.

ނަފްސާނީ ބަލީގެ ތަޖުރިބާކާރުން ބުރަވާ ގޮތުގައި ފިޔާތޮށި ކުލައަކީ ހަމަޖެހުން ލިއްބައިދޭ ކުލައެކެވެ. ނަމަވެސް އަދަބު ދިނުމުގެ ވެއްޓެއްގައި ފިޔާތޮށި ކުލަ ބޭނުންކުރުމަކީ ގައިދީން ލަދު ގަންނަވާލުން ކަމަށް ސިފަކުރާ މީހުންވެސް އެބައުޅެއެވެ. ނަމަވެސް ޖަލު ގޮޅިތަކުގައި ފިޔާތޮށި ކުލަ ލުމަކީ، އޭގެ ނަތިޖާ އެދެވޭ ސިފައެއްގައި ފެނިގެންދާ ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ދަނީ ބުނަމުންނެވެ. މިފަދަ ބައެއް ތަޖުރިބާތައްވެސް މާޒީގައި ކޮށްފައި އެބަހުއްޓެވެ.