ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަންގައިގެން ގާނޫނާއި ގަވާއިދާ ހިލާފަށްވެސް އަމަލު ކުރައްވާފައި ހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުންނެވެ. އެގޮތުން، އަދީބު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީ އަދީބުގެ އޯޑަރަކަށް ނޫން ކަމަށާ، އެއީ ރައީސް ޔާމީންގެ އޯޑަރަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި އެ ފައިސާއަށް އެމަނިކުފާނާއި ރައީސް ޔާމީން ވެސް ޒިންމާވެވަޑައިގަންނަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
ޝަރީއަތުގައި އަދީބަށް ސުވާލުތައް އަމާޒު ކުރައްވަމުން ރައީސް ޔާމީން ވަނީ އެމްއެމްޕިއާރުސީގެ އެމްޑީ އޭސީސީއަށް ދެއްވި ބަޔާނުގައި ވޮޑުމުއްލާގެ ފައިސާ އެންޑޯޒް ކުރެއްވީ އަދީބު ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދީބު ވިދާޅުވީ އެމަނިކުފާނު ކަންކަން އެންޑޯޒް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށާ، ރައީސް ޔާމީންގެ އޯޑަރަށް ގާނޫނާ ހިލާފް ކަންކަން ކުރެއްވި ކަމަށް ތަކުރާރު ކޮށް އަދީބު ވިދާޅުވިއެވެ.
މިއަދު ޝަރީއަތުގައި ރައީސް ޔާމީނާ އަދީބާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރައްވައި، ޒުވާބަކަށް ގޮސްފައި ވާއިރު، އަދީބު ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ޝަރީއަތުގައި ހިއްސާ ކޮށްފައެވެ.