ދައުލަތުގެ އާމްދަނީ 5 ޕަސެންޓާއި ބިން، ރަށް، ފަޅު އަދި ފަރުގެ ކުލިން 40 ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމައިފިއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބައެއް އިސްލާހުތައް ހުށަހަޅުއްވާފައެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރުމަށާއި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓް އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސް ގައިވާ ބިމުގެ ކުލި ކައުންސިލްތަކަށް ދޫކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން، ރައީސް ވިދާޅުވީ، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލް ތަކަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާ އާމްދަނީ ހޯދުމުގެ މަގު ފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހް ވަނީ، ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމައުގެ ކުރި އެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްގީ ގެނެވޭނީ، އަންހެނުންގެ ހިޔާލާއި އިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކަރުގެ ބައެއް އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލް މެންބަރުން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 ޕަސެންޓް ހާއްސަ ކުރުމަށް ވަނީ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ގާނޫނީ ބަދަލުތައް މިހާރު ވަނީ ޑްރާފްޓް ކުރެވިފައި ކަމަށާއި، މި ބިލް ހުށަހެޅިގެން ދާނީ މިއަދުގެ މިބައްދަލުވުމުގައި ކައުންސިލަރުން ހުށަހަޅާ ހިޔާލުތަކާ މަޝްވަރާތައް ވެސް ހިމަނައިގެން ކަމަށެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނައުމަށް ބޭނުންވާ މައިގަނޑު މަގްސަދު ތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރި ކުރުވުން އަދި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ގުދުރަތީ އަދި އުމްރާނީ ވަސީލަތް ތަކާމެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމުގެ އިތުުރުން ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސްމިނުގައި ކުރިއަށް ގެންދިއުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.