އެކިފަހަރު އެކި ކަހަލަ ރަހަތަށް ހަށިގަނޑު އެދި، ފޮނުވާލާ ސިގްނަލްތަކަކީ އަޅުގަނޑުމެންނާ ބީރައްޓެހި ސިގްނަލްތަކެއް ނޫނެވެ. ކިތަންމެ ފިޓްކޮށް އަދި ކިތަންމެ ހަރުކަށިކޮށް ހަށިގަނޑު ތަމްރީނު ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް ބައެއް ކަހަލަ ރަހަތަކަށް ހަށިގަނޑު އެދި ގޮވައެވެއެވެ. ފޮނި، ހުތް، ކުޅި، ލޮނު، މިހެން ގޮސް ލިސްޓު ކިތަންމެ ދިގަކަށްވެސް ދަމާލެވިދާނެއެވެ. ތަފާތު ރަހައަކަށް އިންސާފުކޮށްލުމަށް ހަށިގަނޑުން އެދުމަކީ މައްސަލައެއް ނޫނެވެ.

މައްސަލައަކަށް ވަނީ، އެ ގޮވާލާ ގޮވާލުން ދާއިމީވެ، އެކަމަށް ތާއަބަދު ޖަވާބުދާރީ ވާނީ ނަމައެވެ. ކާ ކޮންމެ ފަހަރަކު ފޮނިއެއްޗެއް ކާލުމުގެ އާދަ އަށަގަނެއްޖެނަމަ އިތުރު މެހެމާނުންތަކެއް ތިބާގެ ގެއަށް ވަނުން އޮތީ މާ ދުރަކު ނޫނެވެ. ބޭއިހުތިޔާރުގައި ދެވުނު ދައުވަތަކުން ގެއަށް ވަތް އާދަޔާ ހިލާފު ބަރުހެލިކަމާ، ހަކުރު ބައްޔާ، ލޭމައްޗަށް ދިއުމާ، މައްސަރުކަންތަކުގެ ތާވަލު ސުންނާފަތިވުމާ، ހިތުގެ ބަލިތަކަށް ދޮރު ހުޅުވާލެވެއެވެ.

މިހާ ހިސާބުން ދެނެގަންނަންވީ ކަމަކީ، ވަކި ރަހތަކަށް ހަށިގަނޑު އެދި ގޮވާލާ ގޮވުންތަކުގެ ފަހަތުގައި ސިއްރެއް ވާކަމެވެ. އެކަން ގުޅިފައިވަނީ ސިކުނޑީގެ ބަޔަކާއެކު. އެއީ މީހެއްގެ ހަށިގަނޑުގައި ކަމެއް އާދައެއްގެ ހަރުލެއްވުމުގެ ދައުރު އަދާކުރާ ބައެވެ. ޗުއްޓީ ނަގައިގެން ގޭގައި އޮންނަ ދުވަސްތަކުގައި ޓީވީ ބަލަމުން ގަވައިދުން ޕޮޕްކާނަމަ، ޗުއްޓީ ނިމޭއިރު ހަށިގަނޑު ހުންނާނީ އެކަމަށް އާދަވެފައެވެ. ޓީވީ ބަލާއިރު އެއްޗެއް ކާނުލާ ހިތް ކީއްކުރަން، ބަނޑުވެސް ނުފުރޭނެއެވެ.

ދެން އޮތީ ނިދީގެ ވާހަކައެވެ. ރަނގަޅަށް، ހަމަ ނިދި ނުލިބެއްޖެނަމަ އަނެއް ދުވަހަކީ ތިބާގެ ހަށިގަނޑު ލުއިކާނާތަކާ، ކޫސަނި ކާބޯތަކެއްޗަށް އެދި ސަލާން ޖަހާނެ ދުވަހަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ބައެއް މުހިންމު މާއްދާތައް އެކަށީގެންވާ މިންވަރަކަށް ނުލިބުމަކީވެސް ބައެއް ކަލަ ކޫސަނި ކާބޯތަކެއްޗަށް އެދި ހަށިގަނޑުން ސިގްނަލު ފޮނުވަން މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް ބަލާނީނަމަ ކެލްސިއަމް، މެގްނީޒިއއަމް، ކްރޯމިއަމް ނުވަތަ ޒިންކްގެ މާއްދާ ހަށިގަނޑުން މަދުވާނަމަ، ހަގީގަތުގައި ކަރުހިއްކައިގަނެގެން އުޅޭއިރުވެސް ހަށިގަޑުން ސިގްނަލް ދެމުންދާނީ ފޮނިކާއެއްޗަކާ ދިމާލަށް ދިއުމަށެވެ. މިފަދަ ދަނޑިވަޅެއްގައި 1 ނުވަތަ 2 ތަށި ފެން ބޯލުމުން ހުރިހާ ކަމެއް ހައްލުވެދާން އޮއްވާ، ފޮނިއެއްޗެއް ކާން ހިފާލައިފިނަމަ ޒަމާން ދިޔައީއެވެ. އަދި އެކަމަށް އާދަވެއްޖެނަމަ، އެ އާދަ ކަނޑުވާލުން ފިސާރި އުނދަގުވެސް ވާނެއެވެ.

އެނާޖީ ޑްރިންކާ ދިމާލަށް ދެވެނީވެސް މިފަދަ ސަބަބަކާ ހެދިއެވެ. އާންމުކޮށް އެނާޖީ ޑްރިންކެއްގެ ބޭނުން ޖެހެޔޭ ހީވަނީ ވަރުބަލިކަން އިހުސާސްވާން ފެށުމުންނެވެ. ހަގީގަތުގައި އެއީ ހަށިގަނޑުން ދަގަނޑުގެ ބައި މަދުވާން ފެށުމުގެ އަލާމާތަކަށްވެސް ވެދާނެއެވެ.

މިހުރިހާ ކަމެއްގެ ހާލަކީ ދުވަސް ރާވަލައިގެން ކުރިއަށް ގެންދިއުމެވެ. ޖިސްމާނީ ހެލިފެލިވުމާއެއް ވަރަށް، ނަފްސާނީ ހަމަޖެހުން ހޯދުމަށްވެސް ސިކުނޑިއާއި ނޭވާލާ ނިޒާމުގެ ކަސްރަތުތަކެއް ގަވައިދުން ކުރަމުން ދިއުމެވެ. ކެއުމުގައި މެދުމިންވަރެއް އިހުތިޔާރުކޮށް، އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކާ، މިންވަރުތައް، ތަޖުރިބާކާރެއްގެ އެހީގައި ދެނެގަނެ، އެގޮތަށް ތާވަލު ފައްތާލުމެވެ.