މުނިފޫހިފިލުވުމުގެ ދުނިޔޭގައި ބައިނަލްއަގުވާމީ ސުޕާސްޓާރެއްގެ ގޮތުގައި މިހާރު މުހާތަބު ކުރަމުން އަންނަ ބޮލީވުޑްގެ ބަތޮލާ ޕްރޮޔަންކާ ޗޯޕްޅާއަށް އދއިން ދީފައިވާ ގުޑްވިލް އެމްބެސެޑާ ކަމުގެ މަގާމު އަތުލުމަށް އެދި، ޕާކިސްތާނުން އދއަށް ރަސްމީ ސިފައެއްގައި ހުށަހަޅައިފިއެވެ.

ޕްރިޔަންކާއަށް އދއިން ދީފައިވާ ގުޑްވިލް އެމްބެސެޑަރުކަން އަތުލުމަށް ޕާކިސްތާނުން އެދިފައިވަނީ، ޕްރިޔަންކާއަކީ ހަނގުރާމައަށް ތަރުހީބުދެމުންދާކަމަށް މީހެއް ކަމަށް ބުނެއެވެ.

ޕާކިސްތާނުން ޕްރިޔަންކާއާއި ދެކޮޅަށް މިފަދަ މައްސަލައެއް އދއަށް ހުށަހަޅާފައި މިވަނީ، ކަޝްމީރުގެ މައްސަލަ ހޫނުވެފައި ވަނިކޮށް އެޝިއާގެ ނިއުކްލިއާ 2 ބާރުގެ މެދުގައި ހަނގުރާމައެއް ކުރުމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ޕްރިޔަންކާ ވާހަކަ ދައްކާފައިވާކަމަށް ބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ޔުނިސެފްގެ އިސްވެރިޔާ ހެންރިއެޓާ ފޯޑަށް ހުށަހެޅުއްވި ސިޓީފުޅެއްގައި ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ ވަޒީރު ޝީރީން މަޒާރީ ވިދާޅުވީ ޕްރިޔަންކާއަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ، އދގެ ސަލާމަތީ މަޖިލީހުގެ މުއާހަދާތަކުގެ ރޫހާވެސް ހިލާފުވެފައިވާ މީހެއް ކަމަށާ، ގުޑްވިލް އެމްބެސެޑަރުގެ މަގާމަކީ އޭނާއަށް ހައްގު މަގާމެއް ނޫންކަމަށެވެ. އެ މަގާމުން ޕްރިޔަންކާ ވަކި ނުކުރާހާ ދުވަހަކު، އދގެ ގުޑްވިލް އެމްބެސެޑަރުކަމުގެ މަގާމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޖަހާފައި އޮންނަ ހަޖުލަކަށް ނޫނީ ނުވާނެ ކަމަށްވެސް މަޒާރީގެ ސިޓީފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް)ގެ ގުޑްވިލް އެމްބެސެޑަރުކަމުގެ މަގާމަށް ޕްރިޔަންކާ އެންމެ ފުރަތަމަ ހަމަޖެއްސީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު 2016 ވަނަ އަހަރުވެސް އޭނާވަނީ އެ މަގާމަށް ހަމަޖައްސާފައެވެ.