ކަޅުފައިސާ ދޮވުމާ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އިންޑިއާގެ ކުރީގެ މާލީ ވަޒީރު ޕަލަނިއައްޕަން ޗިދަމްބްރަން ހައްޔަރުކޮށްފިއެވެ.

އިންޑިއާ ފުލުހުންގެ މަރުކަޒީ ތަހުގީގީ އިދާރާ (ސީބީއައި)ގެ ގިނަ އަދަދެއްގެ އޮފިސަރުންވެގެން ޗިދަމްބަރަން ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުއްޅުވަމުންގެންދެވި ގެއިންނެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް މަންޒަރުތަކަށް ބަލާއިރު ޗިދަމްބަރަމްގެ ސަޕޯޓަރުންވަނީ، އޭނާ ހައްޔަރުކުރުމަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުންގެ ކާރަށް ހުރަސްއަޅާ، އެ ކާރު ތެރެއަށް ފުންމާވެސްލާފައެވެ.

ސަޕޯޓަރުންގެ ފިއްތުންތަކާއެކުވެސް ޗިދަމްބްރަން މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވިފައިކަން، ސީބީއައިގެ ތަރުޖަމާނު އަބީޝޭކް ދަޔާލް ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.

އުމުރުފުޅުން 73 އަހަރުވެފައިވާ ޗިދަމްބްރަމްއަށް ގައުމުން ފުރާވަޑައިނުގެންނެވޭ ގޮތަށް، އިންޑިއާގެ އެއާޕޯޓްތައްވެސް ބުދަ ދުވަހު ވަނީ އެލާޓަށް ގެނެސްފައެވެ.

2004 އިން 2008 އަށް، އަދި 2012 އިން 2014 އަށް އިންޑިއާގެ މާލީ ވަޒީރުކަން ކުރެއްވި ޗިދަމްބްރަމްއާއި ދެކޮޅަށް ސީބީއައިއިން ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވުމާ، ކަޅުފައިސާ ދޮވުމުގެ ތުހުމަތުތަކެކެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން އިންޑިއާގައި ކުރި ސީދާ އިންވެސްޓްމަންޓްތަކަކާ ގުޅުންހުރި ފައިސާތަކެއް ކްލިއާ ކުރުމުގައި ކަޅުފައިސާ ދޮވުމުގެ އަމަލުތަކެއް ހިންގާ، އެކަމުގައި ޗިދަމްބްރަމް ބައިވެރިވެވަޑައިގެންނެވި ކަމަށް ސީބީއައިން ތުހުމަތުކުރެއެވެ.

އިންޑިއާގެ މިހާރުގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ މަގާމުގައި އޮތް ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޗިދަމްބްރަމް ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. ޗިދަމްބަރަމް ވިދާޅުވާ ގޮތުގައި މި ތުހުމަތުތަކަކީ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުގެ ސިޔާސީ ކުޅިގަނޑެއް ކާމިޔާބު ކުރުމަށް ފެންމަތިކޮށްފައިވާ ތުހުމަތުތަކެކެވެ.