އިންޑިއާގެ ގައުމީ ރޭލުދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލައި ޕްލާސްޓިކް ގެންގުޅުން މަނާކުރުމަށް ނިންމައިފިއެވެ.

އިންޑިއާގެ ރޭލުދަތުރުފަތުރާ ގުޅުންހުރި ކަންކަމުގައި ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުންވެސް އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލައި ޕްލާސްޓިކް ސާމާނު ބޭނުން ކުރުން މަނާކުރަން ނިންމާފައިވާ އުސޫލު ތަންފީޒު ކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުން ފަށައިގެންނެވެ.

އިންޑިއާގެ ގައުމީ ރޭލުދަތުރުފަތުރުގެ ނިޒާމު ނުވަތަ އިންޑިއަން ރެއިލްވޭޒްއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕްލާސްޓިކްއާއި ދުރުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ތަންފީޒުކުރަން ފަށާ އުސޫލާއެކު، އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ފުޅި ޒާތުގެ އުފެއްދުންތައް ނައްތަލާނެ މެޝިންތައް ރޭލު ސްޓޭޝަންތަކުގައި ބެހެއްޓިގެންދާނެއެވެ. މީގެ އިތުރުން ރޭލު ދަތުރުތަކުގައި ރޭލް ސްޓޭޝަންތަކުގައި އެކި ކަހަލަ މުދާ ވިއްކާ ފަރާތްތަކުންވެސް އަލުން ބޭނުންކުރެވޭ ޒާތުގެ ކޮތަޅުތަކުގައި މުދާ ވިއްކުމަށްވެސް މި އުސޫލު ގޮވާލައެވެ.

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު މި އުސޫލު ތަންފީޒު ކުރަން ނިންމާފައިވަނީ، ހަރުކަށި އުސޫލުތަކަކަށް ބަދަލުވުމުގެ ކުރިން، އެކަމަށް ތައްޔާރުވާނެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިންޑިއާގެ ރޭލުދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.