އިންސާނާގެ ހަށިގަނޑުގެ 70 ޕަސެންޓް ހިއްސާކުރަނީ ފެނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ފެނަކީ އެންމެ މުހިންމު އެއް މާއްދާއެވެ. އިންސާނެއްގެ ހަށިގަނޑަށް އެންމެ އެކަށީގެންވަނީ ކިހާ މިންވަރެއްގެ ފެންކަން ކަނޑައެޅެނީ ފޮތެއްގައި ޖަހާފައި އޮންނަ އަދަދެއްގެ މައްޗަކަށް ނޫނެވެ. އެކަން ބަރޯސާވަނީ އެމީހަކު އުޅޭ ވެށީގެ މޫސުމާ، ހަށިގަނޑުގެ ހުންނަ ބަލިތަކާ، އެމީހެއްގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތެއްގެ މައްޗަށެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިތުރަށް ފެން ބޭނުންކުރުމަކީވެސް ފުރާނައަށް ނުރައްކާ ހުރި ކަމެކެވެ. ކަންމިހެން އޮތްއިރު، ހަށިގަނޑަށް ބޭނުންވާ އެންމެ މަދު މިންވަރަށްވެސް ފެން ނުބޮވޭ މީހުންގެ އަދަދު އިންތިހާއެވެ. މި ހިއްސާކޮށްލަނީ މިފަދަ ބައެއް ފަރާތްތަކަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތަކެވެ.

ފެނުގައި ރަހައެއް ލައްވާލުން

ފެނަކީ އޭގައި ރަހައެއް، އަދި ކުލައެއް އަދި ވަހެއްވެސް ހުންނަ އެއްޗެއް ނޫނެވެ. ބައެއް މީހުން ފެން ބޯން ފޫހިވަނީ މިހެންވެ ކަމަށްވެސް ބުނެއެވެ. އެހެންކަމުން، މިފަދަ މީހުންނަށް ކުރެވިދާނެ އެންމެ ފަސޭހަ އެއްކަމަކީ، އެމީހަކަށް މީރު މޭވާއެއް ނޫނީ ފަތްތަރުކާރީއަކުން ފެނުގައި ރަހަޖައްސާލުމެވެ. މިސާލަކަށް، ސްޓްރޯބެރީ، ކިއުކަމްބާ، އަލަނާސި އާއި އިނގުރު އަދި ކުދީނާ ފަތް ފަދަ އެކި ކަހަލަ ބާވަތްތަކުން ފެނުގައި ރަހަލައްވާލައިގެން ބޭނުންކުރެވިދާނެއެވެ.

ކުޅިއެއްޗިހި ކެއުން

ފެނާ ދުރު ބައެއް މީހުން ބުނާ ގޮތުގައި އެމީހުން ފެން ބޯން ހަނދާންވެސް ނުހުންނަނީއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކުޅިކޮށް ކާލުމެވެ. ހަމަ ޔަގީނުންވެސް ފެންތައްޓެއްގެ މަތިން ހަނދާންވާނެއެވެ. ނަމަވެސް، މި އުކުޅު ބޭނުން ކުރުމަކީ، ބަނޑަށް ގެއްލުން ނުވާ މިންވަރަކަށް ކުޅިމިން ހެޔޮވަރުކުރަން ސަމާލުވާން ވާނެއެވެ.

ކަނޑޫދޫ މިރުސް ވިއްކަނީ / ފޮޓޯ: ދަ ޕްރެސް

ތާވަލެއް ކަނޑައެޅުން

މިވަރުންވެސް ފެންބޮވޭ ގޮތް ނުވެއްޖެނަމަ، ތާވަލެއް ކަނޑައަޅާށެވެ. އަދި ދެހަފުތާއެއްހާ ދުވަސް ވަންދެން ގަދަކަމުންވެސް އެތާވަލާ އެއްގޮތަށް ފެންބޮމުން، ފާހަގަ ޖަހަމުން ދާށެވެ. ހެނދުނު ހުސްބަނޑާ ހުރެގެންނާ، ރޭގަނޑު ނިދުމުގެ ކުރިންވެސް ފެން ބޯށެވެ. ކެއުމުގެ ވަގުތުތަކުގައިވެސް ފެން ބޯށެވެ. މާ ގިނަ ދުވަހެއް ނުވެ، އެ އާދަތައް ހަރުލަން ފަށާފާނެއެވެ.

ބޮޑެތި ބިއްލޫރި ފުޅިއަށް ފެން އެޅުން

އެމީހަކަށް އުފުލާ ހަދަން ފަސޭހަ ވަރެއްގެ ބޮޑު ބިއްލޫރި ފުޅިއެއްގައި ފެން ރައްކާކުރާށެވެ. ފިނިކުރަން ބޭނުން ނަމަވެސް، މިކަން މިހެން ކުރާށެވެ. އަދި އެމީހަކަށް ހާއްސަ ފުޅިއަކުން ނޫނީ ފެން ނުބޯށެވެ. މިހެން ކަން ކުރުމުން، ދުވާލެއްގެ މައްޗަށް އެމީހަކަށް ބޮވެނީ ކިހާ ފެނެއްކަން ވަޒަންކޮށްލަން އަމިއްލައަށް ފަސޭހަވާނެއެވެ. މާ މަދުން ބޮވިފައި ހުންނަ ދުވަސްދުވަހު އެކަން ހަނދާންވެސް ވާނެތާއެވެ.

ހެލިފެލިވެ އުޅުމަށްފަހު ފެންފުޅިއެއް ބޯން ހަމަޖެހިލައިގެން ހުރި ޒުވާނެއް/ފޮޓޯ: ރޯޕިކްސެލް

ސްމާޓް އެޕްސް

އަދަކީ ސްމާޓްފޯނަކާ ނުލާ އިންސާނުންނަށް ނޫޅެވޭ ޒަމާނަކަށްވެފައިވާއިރު، ފެން ބުއިމުގެ އާދަ އަށަގެންނެވުމަށް ސްމާޓްފޯނު އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެއެވެ. ފެން ބޯވަރަކަށް މި އެޕްލިކޭޝަންގައި ފާހަގަޖަހަމުންދާއިރު، ބައެއް އެޕްލިކޭޝަންތަކަކީ، ފެންބޯން ހަނދާންކޮށްދޭ އެލާމްތައްވެސް ސެޓްކުރެވޭ އެޕްލިކޭޝަންތަކެކެވެ.

ކޮފީއާއި ލުއިބުމުގެ ބަދަލުގައި ފެން

ގިނަ މީހުންނަކީ ހެނދުނު ހޭލާ ގޮތަށް ކޮފީއެއް ބޭނުންވާ މީހުންނެވެ. ނުވަތަ ކެއުމަކަށް އިންސާފުކުރާނަމަ ލުއިބުއިމަކަށް ބޭނުންވާ މީހުންނެވެ. ކޮފީއާއި ލުއިބުއިންތަކުގެ ބަދަލުގައި ފެންތައްޓެއް ހިޔާރުކުރާށެވެ. ކުރިން ދެންނެވި ގޮތަށް ކޮންމެވެސް ރަހައެއްލައްވާފައިވާ ފެންވެސް ބޭނުންކުރަންވީއެވެ. އިސާހިތަކު ހަށިގަނޑަށް އެނގުންވާން ފަށާ، ހަށިގަނޑު އެކަމަށް އެދެންވެސް ފަށާނެއެވެ.

ފެން ގިނަ މޭވާއާއި ތަރުކާރީ

މިއިން އެއްގޮތަކުންވެސް ފެނާ ރަހުމަތްތެރިވެވޭ ގޮތް ނުވެދިއުން ނާދިރެވެ. ނަމަވެސް މާ ގާތް ނުވެވިދާނެއެވެ. އެކަމަށްވެސް ހައްލެއް އެބައޮތެވެ. އެއީ ފެން ގިނަ މޭވާއާއި ތަރުކާރީ ގިނައިން ބޭނުންކުރުމެވެ. އެގޮތުން ކިއުކަމްބާ، ޓޮމާޓޯ އަދި ކަރާ ފާހަގަކޮށްލެވެއެވެ. މިއީ ދިވެހިންނާ އިންތިހާއަށް ރައްޓެހި ބާވަތްތަކެކެވެ. މިއީ ޑީހައިޑްޓްރޭޝަންއާއި ދުރުކޮށްދޭ ބާވަތްތަކެކެވެ. ނަމަވެސް، މިއީ ފަހަރެއްގައިވެސް ފެނުގެ ބަދަލުގައި ބޭނުންކުރަން ހުރި ބާވަތްތަކެއް ނޫންކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.

ފެންބުއިމުގެ ރީތި އަދަބުތައް

އިސްލާމް ދީނުގައިވެސް ވަނީ ފެންބުއިމުގެ ރީތި އާދަތަކެއް ބަޔާންކޮށްދެއްވާފައެވެ. ކީރިތި ރަސޫލާ ﷺ ސުންނަތުން ސާބިތުވާ އާދަތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ސީދާ ފުޅީގައި ތުން ޖަހައިގެން ބުއިމުގެ ބަދަލުގައި، ސާފުތައްޓަކަށް ފެން އަޅައިގެން ފެން ބުއިމަކީ ފުރަތަމަ ކަމެވެ. ތައްޓަށް ފެން އަޅަންވާނީވެސް އެމީހަކަށް ބޭނުންވާ ވަރަށެވެ.

ފެން ބުއިމުގެ ކުރިން ބިސްމި ކިއުމާ، ކަނާއަތުން ފެންތަށީގައި ހިފަހައްޓައިގެން ފެންބުއިމަކީވެސް ފެންބުއިމުގެ ރީތި އަދަބުތަކުގެ ގޮތުގައި އިސްލާމް ދީނުގައި އައިސްފައިވާ އާދަތަކެކެވެ. ފެންބޯއިރު އިށީނދެ އިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ނޫންނަމަ ބަނޑުގެ އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮވެއެވެ.

ފެންބުއިމުގައި ސަމާލުކަން ދޭންވީ އަނެއް އާދައަކީ އެއް ނޭވާއިން ފެންތަށި ހުސްކޮށް ނުލުމަށެވެ. އެދެވިގެންވަނީ 3 ނޭވާއަކަށް ބަހާލައިގެން ފެންތަށި ބޯލުމަށެވެ. މީގެ އިތުރުން ފެންތަށީގެން ތެރެއަށް ފުމުމުންވެސް ދުރުވާންޖެހެއެވެ. ހަމަމިއާއެކު ފެންބޮއި ނިމިގެން، މާތް ﷲ އަށް ޙަމްދުކުރުމަށް ހަނދާން ކުރަންވާނެއެވެ.