ސްރީލަންކާގެ އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމަށް ހަމަޖައްސާފައިވާ ޝަވީންދާ ސިލްވާއަކީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެފައިވާ ކުރީގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަމައުން އަމާޒުކުރަމުންދަނީ ސާބިތުނުހިފޭ، ބުރަދަނެއް ނެތް، އަދި ބަލައިގަނެވެންވެސް ނެތް ތުހުމަތުތަކެއް ކަމަށް ސްރީލަންކާއިން ބުނެފިއެވެ.

އުމުރުން 55 އަހަރުގެ ސިލްވާއަކީ ސްރީލަންކާއިން ކުރި 26 އަހަރުގެ ދާހިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅު އަސްކަރީ އިސް ޒިންމާތަކެއް އުފުލި މީހަކަށް ވާއިރު، އެމެރިކާގެ އިތުރުން އދއާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވަނީ މިކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. މިފަދަ މީހަކު ސްރީލަންކާ އަސްކަރިއްޔާގެ އިސް މަގާމަކަށް ހަމަޖެއްސުމަކީ، ބައިނަލްއަގުވާމީ މުޖުތަމައަށް ސްރީލަންކާއިން އަދާކޮށްދޭން ޖެހޭ ޒިންމާތަކާ މެދު ސުވާލު އުފެދޭ ކަމެއްކަމަށް ވިލާތުގެ އިއްތިހާދުންވަނީ ތުހުމަތުކޮށްފައެވެ.

ސްރީލަންކާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމަށް ސިލްވާ އައްޔަންކުރައްވާފައިވަނީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ލިބިވަޑައިގެންފައިވާ މިނިވަން ބާރުތަކުގެ ތެރެއިން ކަމަށެވެ. މިފަދަ ދާހިލީ ކަމަކަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ސްރީލަންކާއިން ވަނީ ބުނެފައެވެ.

ބޭރުގެ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުންދަނީ ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކަމަށާ، އެއީ ހިތާމަކުރަންޖެހޭ ކަމެއްކަންވެސް ސްރީލަންކާގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސިލްވާދަނީ އޭނާއަށް އަމާޒުކޮށްފައިވާ ލާއިންސާނީ ޖަރީމާގެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.