13 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާންމު ފަރާތަކުން ކުރި ޓްވީޓެއްގައި މި މައްސަލަ މިދިޔަ ޖުލައި 29 ވަނަ ދުވަހު ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މައްސަލަ ހުށަހެޅި ފަރާތާއި އެ ކުއްޖާގެ އާއިލާ އިން މި މައްސަލައިގައި ބަޔާން ދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ ދޮން ބައްޕަ، ކުއްޖާއަށް ޖިންސީ އަނިޔާ ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
ޓްވީޓް ކުރި ފަރާތުން ވަނީ މި މައްސަލަ ހުށަހަޅާ، ކުއްޖާގެ ހެކިބަސް ނެގުމަށް ފަހު، މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ފުލުހުން އަންގާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ނުބަލާނެ ކަމަށް ބުނެ، ފުލުހުން ކުރި މެސެޖަކީ އޮޅުމަކުން ފޮނުވިފައިވާ މެސެޖެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުންނަށް މައްސަލަ ހުށެހެޅިތާ 21 ދުވަސް ވީއިރު ވެސް މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކޮށްފައި ނުވާތީ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުންނާއި، ކަމާ ބެހޭ އިދާރާތަކުން ކުއްޖާއަށް ބޭނުންވާ ފަރުވާ ހޯދާދިނުމުގައި ލަސްވާތީ އެކަމާ ބެހޭ ގޮތުން ވެސް ޓްވީޓް ކުރި ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ،
މިކަމާ ބެހޭގޮތުން ފުލުހުން ވަނީ، މީހުން ހައްޔަރު ކުރެވޭނީ އެކަށީގެންވާ މިންވަރަށް ހެކި ލިބިގެން ކަމަށް ބުނެފައެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީން ވެސް މިކަމާ ގުޅިގެން އެސެސްމެންޓްތައް ވެސް ހަދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާރަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަ ވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 125 މައްސަލައެއް ވަނީ އެ މިނިސްޓްރީ އަށް ހުށަހަޅާފައެވެ.