ގާތްގަނޑަކަށް 2 ހަފުތާއެއްހާ ދުވަހުގެ ވަރުގަދަ ކާފިއު އަކަ ށްފަހު ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ ސްކޫލުތަކާ އޮފީސްތަކުގެ މަސައްކަތް ފެށީ ހޯމަ ދުވަހުއެވެ. އެއީ އިންޑިއާގެ މައި ސަރުކާރުގެ އޯޑަރަކަށެވެ. މި އޯޑަރު ސިފަވަނީ، ކަޝްމީރު އާންމު ހާލަތަކަށް ބަދަލުވަމުން ދާކަން ބައިނަލްއަގުވާމީ މުޖުތަމައަށް ސާބިތު ކޮށްދިނުމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އެހެނީ، ސްކޫލު ތަކުގެ ކިޔެވުން ފެށި، މަސައްކަތްތައް ފެށި ކަމަށް ބުނާއިރު ކަޝްމީރުން ލިބެމުންދާ ތަސްވީރުތައް އެހެން ވާހަކައެއް ބުނަމުން ދާތީއެވެ. ފެންނަނީ ސްކޫލުތައް ފަޅުވެފައިވާ މަންޒަރު ކަމަށް ވާތީއެވެ.
ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރު ކޮށްދިން މާއްދާ 370 އުވާލައި، އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ކަޝްމީރު ގެންގޮސް، އިންޑިއާގެ އަސްކަރިއްޔާގެ ސީދާ ބެލުމުގެ ދަށުން ކަޝްމީރުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާއިރު ދަރިން ސްކޫލަށް ފޮނުވަން ބޭނުން މީހަކު ނެތެވެ. އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ދޭތެރެ ދޭތެރެއިން މުޒާހަރާތައް ކުރާއިރު، އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް އެތައް ހާސް ބަޔަކު ވަނީ ގެންގޮސްފައެވެ.
ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ސިފަކުރާ ގޮތުގައި އިންޑިއާގެ މައި ސަރުކާރުން ދަނީ ކާރުހާނާއެއްގައި މުދަލެއް އުފައްދާ އުސޫލުން، ކަޝްމީރުގައި ސުލްހަ އޮތް ކަމަށް ގަބޫލު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ވާހަކަ ތަކެއް އުފައްދަމުންނެވެ. އަދި ފާއިތުވީ އަހަރުތަކުގައި ކަޝްމީރުގެ ވާދީ ނުދެކޭ ވަރުގެ ނާމާން ދުވަސް ތަކަކާ ކުރިމަތިލާން ޖެހިފައި ވާއިރު، އެމީހުންގެ ޅަ ދަރިން ނުރައްކަލުގެ ތެރެއަށް އެއްލާލުމަށް އިންޑިއާގެ މައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާވެސް ބެލެނިވެރިން ދަނީ ކުރަމުންނެވެ.
މުވާސަލާތީ ހިދުމަތްތައް މުޅިން މެދުކަނޑާލާފައި އޮތުމަށް ފަހު މިހާރު ދޫކޮށްފައި ވަނީ ގާތްގަނޑަކަށް އެންމެ ޕަސެންޓެއްގެ ހިދުމަތް ކަމަށް ވެފައި، ގޯހެއް ހިނގައިފި ނަމަ ދަރިންގެ ހާލު އެނގޭނެ ގޮތެއްވެސް ނެތްކަމުގެ ބިރުވެރިކަން، ހުރިހާ ބެލެނިވެރިންގެ ހިތްތަކުގައި ވެސް ވަށާލާފައި ވާފަދައެވެ. ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގެ އިންޖިނިއަރަކު ވަނީ، ސްކޫލްތައް ހުޅުވަން އަދި އެސަރަހައްދު ތައްޔާރު ނޫން ކަމަށް ބުނެފައެވެ. ސްކޫލް ހާޒިރީއިން މިކަމަށް ބާރު ލިބެއެވެ. 1000 ކުދިން ދަފުތަރުގައި އޮތިއްޔާ، ހާޒިރުވީ 100 އެއްހާ ކުދިން ކަމަށް ވެއެވެ.
ކަޝްމީރުގެ އާންމު ހާލަތަށް ބަލާއިރު ފިހާރަތަކާ ބާޒާރުތައް އަދިވެސް އޮތީ ބަންދު ކޮށްފައި ކަމުން، މަގުތަކުގައި ދިރުމެއްވެސް ނެތް ފަދައެވެ.