ސޯޔާބީންސްއަކީ މިއަދު ދިވެހިންނަށް އާ ބާވަތަކަށް ނުވާނެއެވެ. ސޯއީބީންސްވެސް ކިއާ އުޅެނީ މިއީ ހަމައެކަނި މޭވާއާއި ތަރުކާރީ ކެއުމަށް އާދަކޮށްފައިވާ މީހުންގެ ކެއުންތަކުގައި "މަސްރަހަ" ހެޔޮވަރު ކޮށްލަދޭ ބާވަތެކެވެ. މިއީ މާ ގޮތްގަނޑު ބޮޑު ނޫން ކެއުމަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ސިއްރު "އިންގްރީޑިއަންޓް"އެވެ. ސޯޔާބީންސްއަކީ "ތޮޅި" އާއިލާގެ ގަހެއްގައި އަޅާ މޭވާއެއްގެ އޮށެކެވެ. މީގެ އެތައް ހާސް ކުރިއްސުރެ ކެއުމުގައި ބޭނުން ކުރަމުން އަންނަ ސޯޔާބީންސްއަކީ، ވަކިން ހާއްސަކޮށް އޭޝިއާ ބައްރުގެ ސުފުރާތަކާ ރައްޓެހި ބާވަތަކެވެ.

ސޯޔާބީންސްއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ މާއްދާތައް އޭގައި ރައްކާކުރެވިފައިވާ ބާވަތަކެވެ.

ޕްރޯޓީންސް

ގަސްގަހުން ޕްރޯޓީންސް ލިއްބައިދޭ ބާވަތްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ބާވަތްތަކުގެ ތެރޭގައި ސޯޔާބީންސް ހިމެނެއެވެ. ޖޯޑެއްގެ ފެނުކެއްކި ސޯޔާބީންސްއިން 29 ގްރާމްގެ ޕްރޯޓީންސް ހަށިގަނޑަށް ފޯރުކޮށްދެއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދިނުމުގެ އިތުރުން، ހިތުގެ ސިއްހަތާ ގުޅިފައިވާ ކޮލަސްޓްރޯލްގެ މިންވަރު ދަށް ކުރުމަށްވެސް އެހީވެދޭ ބާވަތެކެވެ.

ސޯއީބީންސްއާއި ސޯއީބީންސްއިން ތައްޔާރުކޮށްފައިވާ ބައެއް އިތުރު ބާވަތްތަކުގެ ތަކެތި/ފޮޓޯ: މެޑިކަލްނިއުސްޓުޑޭ

ފެޓް

މިއީ ހަށިގަނޑަށް ބޭނުންވާ ފެޓް ނުވަތަ ސަރުބީގެ މާއްދާ އެއްވަރެއްގައި ފޯރުކޮށްދޭ ބާވަތެކެވެ. ސޯއީބީންސްއަކީ ކާބޯތަކެތީގެ ތެރެއިން ތެލުގެ ގިންތިއަށްވެސް ފެތޭ ބާވަތެކެވެ. މި ދެންނެވީ، ސޯއީބީންސްއިން ތެޔޮ ހޭނިދާނެ ވާހަކައެވެ. މިހާރުވެސް މިކަން ކުރެއެވެ. ހިއްކާފައި ހުންނަ ސޯއީބީންސްގެ އޮށެއްގެ 18 ޕަސެންޓް ހިއްސާކުރަނީ ފެޓްގެ މާއްދާއެވެ.

ކާބޯހައިޑްރޭޓްސް

ކާބޯހައިޑްރޭޓްއަކީވެސް ހަށިގަނޑުގެ ދުޅަހެޔޮ ބެލެންސްއަކަށް ބޭނުންވާނެ މާއްދާއެކެވެ. ސޯޔާބީންސްއަކީ ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ ބާވަތެކެވެ. ހަމަމިއާއެކު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ، ސޯޔާބީންސްއަކީ އޭގެ ގްލައިސެމިކް އިންޑެކްސް ދަށް ބާވަތެއް ކަމެވެ. މީގެ މާނައަކީ، ސޯއީބީންސް ބޭނުންކުރުމުން، ކުށްލި ގޮތަކަށް ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު މައްޗަށް އަރައިގެން ނުދާނެ ކަމެވެ. ސޯޔާބީންސްއަކީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަންވެސް ރަނގަޅު ބާވަތެކެވެ.

ސޯއީބީންސްއާއި ސޯއީބީންސް ތޮޅިގަހުގެ ފަތްކޯޅިއެއް/ފޮޓޯ: ގުޑްހައުސްކީޕިންގް

ފައިބަރު

ސޯއީބީންއަކީ ގަސްގަހާގެހިން ލިއްބައިދޭ ފައިބަރުގެ މައި މަސްދަރޭވެސް ދެންނެވިދާނެއެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތްތަކަށް ލުއިފަސޭހަކަން ގެނެސްދޭ މާއްދާއެކެވެ. ސޯއީބީންސްގެ ސަބަބުން މިމަސައްކަތަކަށް އިތުރު ފަސޭހަކަމެއް ލިއްބައިދެއެވެ. ސޯއީބީންސްއިން ހަށިގަނޑަށް ލިއްބައިދޭ ފައިބަރުގެ ސަބަބުން، ގިނަ ވަގުތު "ބަނޑުހައިނުވެ" ހުރުމުގެ އިހުސާސްވެސް ކޮށްދެއެވެ. އެހެންކަމުން، މިއީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުންވެސް ހިޔާރުކުރުން ރަނގަޅު ބާވަތެއް ކަމަށް ދެންނެވިދާނެއެވެ.

ސޯޔާބީންސްގެ އެންމެ ހާއްސަކަމަކީ، މި ބާވަތް އޭގެ ޒާތުގައި ބޭނުންކުރެވޭ ތަފާތު ގޮތްތަކެއްވެސް ހުންނަ ކަމެވެ. އޭގެ ތެރޭގައި ސޯއީފުށް، ސޯއީ ކިރު، ސޯއީ ސޯސް އަދި ސޯއީ ތެލާ ޓޯފޫވެސް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ބާވަތްތަކަކީ މިއަދު ދިވެހި ސުފުރާތަކުންވެސް އޭގެ އަސަރު ފުދޭ ވަރަކަށް ފެންނަ ބާވަތްތަކެކެވެ. މަސްރިހައިގެ ރަހަގަނޑު ހެޔޮވަރުކޮށްލުމަށް ސޯއީ ސޯސް އަޅާ މީހުންވެސް މަދެއް ނޫންނެވެ. އެހެން ކަމުން، މިއީ އެއްގަމާ ކަނޑުމަސް ނުކާ މީހުންނަށް ހާއްސަ އެއްޗެއް އެކަންޏެކޭ ބުނެވޭކަށް ނެތެވެ.