ޑައިރިއާ ނުވަތަ ބޭރަށް ހިންގުމަކީ ބަނޑުދިޔާވެ، ފެނާއެކުވެގެންދާ ކަހަލަ ގޮތަކަށް، އާދަޔާ ހިލާފު ގިނައިން، އަވަސް އަވަހަށް ބޮޑުކަމުދެވުމުގެ ބަލިމަޑުކަމެކެވެ. މިއީ އެކި ދުވަސްވަރަށް އާންމުވާ ބަލިމަޑުކަމެކެވެ. މި ގޮތަށް ޖެހޭ ބޭރަށް ހިންގުމަކީ މާ ގިނަ ދުވަހަށް ދެމިގެންދާ ބައްޔެއް ނޫނެވެ. ހަފުތާއަކަށްވުރެ ގިނަ ދުވަހަށް ބޭރަށް ހިންގާނަމަ އެދެނީ، ސިއްހީ އެހެން މައްސަލައެއްގެ ސިގުނަލަކަށްވެސް ވެދާނެއެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ސިއްހީ އެހީތެރިންގެ ލަފާއާއި އިރުޝާދު ހޯދަން ވާނެއެވެ.

ޑައިރިއާ އެންމެ އާންމުކޮށް ޖެހެނީ، ބެކްޓީރިއާ، ވައިރަސް އަދި ޕެރަސައިޓްސްގެ ސަބަބުންނެވެ.

ބޭރަށް ހިންގުމާ ގުޅިފައިވާ ބައެއް އަލާމާތްތައް

  • ބޮޑުކަމުދާ ތަކެތި ދިޔާކޮށް (ފެންކޮށް) ހުރުން
  • ބަނޑަށް (އިރުއިރުކޮޅުން) ތޫނުކަންގަދަ ރިހުމެއް އެރުން
  • ބަނޑުގައި ރިއްސުން
  • ހުންއައުން
  • ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން
  • ބޮޑުކަމުދާތަކެތީގައި ރޯގާޒާތުގެ ދަވައެއްގެ އަސަރު ހުރުން
  • ބަނޑު ފުއްޕާފައި ހުންނަ ކަހަލަ ގޮތެއްވުން
  • މޭ ނުބައިކޮށް ހޮޑުލަވާ ގޮތްވުން
  • އަބަދުމެހެން ބޮޑުކަމުދާން ބޭނުންވެފައި ހުރުން

ބޭރަށް ހިންގާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވީ ކޮން އިރަކު؟

  • ބަލިމަޑުކަން ދެތިން ދުވަހަށްވުރެ ދިގުލާ ދިއުން
  • ހަށިގަނޑުން ފެންމަދުވުމުގެ އިހުސާސްތަކާ ތަކުލީފުތައް ކުރިމަތިވާހެން ހީވާން ފެށުން
  • ބޮޑުކަމުދާތަކެތީ ލޭ ގޮތަށް ނުވަތަ ކުޅަކުލާގައި ހުރުން
  • 39 ޑިގްރީ ސެލްސިއަސް (102 ފެރަންހައިންޓް)އަށްވުރެ ގަދައަށް ހުން އައުން

ކުޑަކުދިން ބޭރަށް ހިންގާނަމަ ޑީހައިޑްރޭޓްވެ، ހަށިގަނޑުން ފެން ހުސްވުމުގެ މިންވަރު އަވަސްވެއެވެ. ކުޑަކުއްޖަކު ބޭރަށް ހިންގާތާ 24 ގަޑިއިރުވާއިރުވެސް ބަލި ރަނގަޅު ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ އެހީ ހޯދާށެވެ.

ބޭރަށް ހިންގުމަކީ އޭގެ ޒާތުގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ނުރައްކާ ހާލަތަކަށް ބަދަލުވެގެންދާ ބައްޔެއްވެސް މެއެވެ. އެގޮތުން އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ ޑީހައިޑްރޭޓްވުން ނުވަތަ ހަށިގަނޑުން ފެންމަދުވެ، ހުސްވާގޮތް މެދުވެރިވުން ގާތެވެ. މިއީ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި ހާލަތެކެވެ. ބޭރަށް ހިންގާނަމަ، ޑިހައިޑްޓްރޭޓް ވުމުގެ އަލާމާތްތަކަށްވެސް ސަމާލުވާން ވާނެއެވެ.

ޑީ ހައިޑްރޭޝަންގެ އަލާމަތްތައް (ބޮޑެތި މީހުން)

  • އާދަޔާ ހިލާފު ގަދައަށް ކަރު ހިއްކުން
  • ގައިގެ ހަންގަނޑާ، އަނގަ ހިކިފައި ހުރުން
  • ވަރަށް މަދުން ނުވަތަ އެއްވެސް ގޮތަކަށް ކުޑަކަމު ނުދެވުން
  • ގައިން ވަރުދެރަވެ، ބޯއެނބުރުމާ، ބޮލަށް އެނބުރުން އަރާ ގޮތްވުން
  • އާދަޔާ ހިލާފު ވަރުބަލިކަމެއް އިހުސާސްވުން
  • ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވެ، އަނދިރިކުލައަކަށް ބަދަލުވުން

ޑީހައިޑްރޭޓްވުމުގެ އަލާމާތްތައް (ތުއްތު ކުދިންނާ، ކުޑަކުދިން)

  • 3 ގަޑިއިރު ވާއިރުވެސް ނެޕީ ނުތެމުން
  • އަނގަޔާ ދޫ ހިކިފައި ހުރުން
  • 39 ޑިގްރީ ސެލްސިއަސްއަށްވުރެ ގަދައަށް ހުން އައުން
  • ރޯއިރު ލޮލުން ފެން (ކަރުނަ) ނައުން
  • އެނބުރުން އަރައިގެން އުޅޭ ކަހަލަ ގޮތަކަށް އުޅުން، އެކަށީގެންވާ ގޮތަކަށް އިޖާބަ ނުދެވުން، ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާތީ އުޅޭކަހަލަ ގޮތަކަށް އުޅުން
  • ބަނޑު، ދެލޯކައިރި ނުވަތަ ކޯ އެތެރެއަށް ވަދެ ހިނދިފައި ހުންނަ ކަހަލަ ގޮތަކަށް ހުރުން

ބޭރަށް ހިނގުން ޖެހުމާ ދުރުވާނީ ކިހިނެއް

ބޭރަށް ހިންގުން ނުޖެހި ސަލާމަތްވާން އޮތް އެންމެ ފަސޭހަ މަގަކީ އަތް ދޮވުމެވެ. އަތް ދޮވުމޭ މި ބުނަނީ، ރަނގަޅަށް އަތް ދޮވުމަށެވެ. އެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ.

  • ގިނަ ގިނައިން އަތް ދޮވުން: ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާ ފަހުން، ރަނގަޅަށް އަތް ދޮވުން. ރޯމަސް ގެންގުޅުމަށްފަހުގައްޔާ، ފާހަނާ ކުރުމަށްފަހުގައި ރަނގަޅަށް އަތް ދޮވުން. ޑައިޕާ ބަދަލުކުރުމަށްފަހު ގައްޔާ، ކެއްސާ، ކިނބިހިއަޅާ، ނޭފަތް ފޮޅާ ސާފުކުރުމަށްފަހުގައިވެސް ރަނގަޅަށް އަތްދޮވުން.
  • ސައިބޯނިލައިގެން އުނގުޅުން: އަތަށް ސައިބޯނި އެޅުމަށްފަހު ދެއަތް ދެއަތަށް އެންމެ މަދު ވެގެން 20 ސިކުންތު ވަންދެން އުނގުޅުން
  • ސެނިޓައިޒާ ބޭނުންކުރުން: ކޮންމެ ކޮންމެ ފަހަރަކީ އަތް ދޮވެވިދާނެ ފަހަރަކަށް ނުވެދާނެއެވެ. ސިންކަކާ ހަމައަށް ގޮސް، ސައިބޯނިލައިގެން އަތް ދޮވެވެން ނެތް ހިނދެއްގައިވެސް އަތް ސާފުކުރަންޖެހިދާނެ. މިފަދަ ހާލެއްގައި ބޭނުންކުރުމަށް އަބަދުވެސް، ރަނގަޅު ކޮލިޓީއެއްގެ ހޭންޑް ސެނިޓައިޒާ ފުޅިއެއް ގެންގުޅުން އެދިވިގެންވޭ. އަތުގެ އެތެރެފުށާ ބޭރުފުށާ، އިނގިލިތަކުގެ ދޭތެރޭގައިވެސް ރަނގަޅަށް ހޭކެނެހެން ސެނިޓައިޒާއިން އަތްތިލަ "މަސާޖު"ކޮށްލާ.
  • ތުއްތު ކުދިންނަށް ވެކްސިން ދިނުން
  • ދަތުރުފަތުރުކޮށް އުޅޭ އިރުގައްޔާ، ބޭރު ތަންތަނަށް ގޮސް އުޅޭ އިރު، ކެވޭ ނުކެވޭ އެއްޗަކަށް ސަމާލުވުން: ބޯން ގެންނަ ފެންފުޅިއަކީ، ނުކަނޑާ، އޮރިޖިނަލް ޕެކިންގްގައި ހުންނަ ފެންކަން ކަށަވަރުކުރުން. ތާޒާ ކާބޯތަކެތި ކެއުމަށް އާދަކުރުން. ދެތިން ދުވަހު ފިނިކޮށްފައި ހުންނަ ތަކެތި ބޭނުން ނުކުރުން. ރަނގަޅަށް ރޯ ނުފިލާ ހުންނަ ކާބޯތަކެތި ބޭނުން ނުކުރުން.

ބޭރަށް ހިންގާނަމަ ކެއިން ބުއިމުގައި ސަމާލުކަންދޭންވީ ކަންތައްތަކެއްވެސް ހުރެއެވެ. އޭގެ ތެރޭގައި:

  • ހަކުރުނާޅާ، އަލި ކުލައިގެ ބުއިންތައް ބޭނުންކުރުން
  • ބޮޑުކަމުދާ ކޮންމެ ފަހަރަކު ގިނައިން ދިޔާތަކެތި ބޭނުންކުރުން. (މަދުވެގެން 1 ޖޯޑު)
  • މައިގަނޑު ކެއުން ކާ ގަޑިތަކުގެ ދެމެދަށް އޮންނަ ގަޑިތަކުގައި ދިޔާތަކެތި ބޭނުންކުރުން
  • ޕޮޓޭސިއަމްއިން މުއްސަނދިވެފައިވާ ބާވަތްތައް ބޭނުންކުރުން. (މިސާލު: ތޮށި ނޮޅާފައި ހުންނަ އަލުވި، ދޮންކެޔޮ)
  • ލޮނު އެކުލެވޭ ބުއިންތައް ބޭނުންކުރުން
  • ކްރީމް ހުންނަ ކާބޯތަކެއްޗާ، ތެލުލި އެއްޗިއްސާ، ހަކުރުއެޅީ ކާބޯތަކެއްޗާ ދުރުވުން
  • ބަނޑުހަރުކުރަން އެހީވެދޭ ބަތާ، އޯޓްމީލް ފަދަ ކާބޯތަކެތި އިހުތިޔާރު ކުރުން
  • ޝުގާ-ފްރީ ޖަހާފައި ހުންނަ ޗުއިންގް-ގަމް، ބްރެތްފްރެޝް މިންޓްސް ބޭނުން ނުކުރުން
  • ކެފޭން ބޭނުންކުރުން މަދުކުރުން
  • ތުއްތު ދަރިފުޅަށް 6 މަސްވަންދެން ގާތުން ދޭ ކިރު ފިޔަވާ އިތުރު އެއްޗެއް ނުދިނުން

ބޭރަށް ހިންގައިގެން އެއްވެސް ޒާތެއްގެ ބޭހެއް ބޭނުންކުރަންވާނީ ސިއްހީ ތަޖުރިބާކާރެއްގެ ނުވަތަ ޑޮކްޓަރެއްގެ އިރުޝާދާ ލަފަޔާއެކުގައެވެ. އާއިލާގެ ވަކި މީހަކަށް ދިން ބޭހަކީ އެންމެ ރަނގަޅު ބޭހެއް ކަމަށް ވެގެން، އަމިއްލައަށް އެފަދަ ބޭހެއް ބޭނުންކޮށްގެން ނުވާނެއެވެ. ވަކިން ހާއްސަކޮށް، އެންޓިބައޮޓިކްތަކަށް ސަމާލުކަންދޭންވާނެއެވެ. އަދި ޑޮކްޓަރު ލިޔެދޭ ބޭސް، ގަވައިދުން ބޭނުންކޮށް ޑޯޒް ހަމަކުރުމަށްވެސް ސަމާލުކަން ދޭންވާނެއެވެ.