ބަރުދަން ލުއިކޮށް، ބަނޑު ހިނދާލުމަކީ ދުވާލު ގަޑީގައި އެންމެ ގިނަ ބަޔަކު ދެކޭ ހުވަފެނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް މި ހުވަފެނުގައި ހަގީގީ ކުލަޖެއްސުން އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. ބޭނުންވަނީ ވަރުގަދަ އަޒުމެކެވެ. އަމާޒަށް ވާސިލުވާނެ ކުޑަ ހިތްވަރެކެވެ.

ކާ ސުފުރާ މަތި ފަޅުފިލުވާލަ ދެނީ އެންމެ އެކަށީގެންވާ ކާބޯތަކެތިން ކަމުގައި ވަނީނަމަ، ބަރުދަން ލުއިކޮށް، ބަނޑު ހިންދާ ލުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށް، ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ތައްޔާރު ކޮށްލެވިދާނެ، އަނގަޔަށް މީރު ބުއިމެއްގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ.

ގުދުރަތީ މާއްދާތަކުގެ މުއްސަނދިކަން ލިބިފައިވާ މި ޖޫހަކީ، ކެރެޓާއި، އޮރެންޖު އަދި އިނގުރު ފަދަ ބާވަތްތަކުން އުފައްދާ ބުއިމެކެވެ. މި ޖޫހަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މިނަރަލްސްއާއި ވިޓަމިންސް ލިއްބައި ދީ، އެކަށީގެންވާ މިންވަރެއްގައި އެ މާއްދާތައް ރެގިއުލޭޓް ކޮށްދޭވެސް ބުއިމެކެވެ. މި ބުއިމަކީ ހަށިގަނޑުގެ ސަރުބީތައް ބައްޓަން ކޮށްދީ، ހަށިގަނޑުގެ ބައްޓަންވެސް ރީތި ކޮށްދޭ ބުއިމެކެވެ.

ސަމާލުކަން ދޭންވީ ކަމެއް އެހެން ނަމަވެސް އެބައޮތެވެ. އެއީ ހަކުރު އެޅި، ކެލަރީ ގިނަ ކާބޯތަކެތިން ދުރުވެ ލުމެވެ. ތާޒާ ޖޫސް އިހުތިޔާރު ކުރުމަކީ މި މަގުން ދަތުރު ފެށުމަށް ކުރެވިދާނެ އެންމެ ފުރަތަމަ ކަމޭވެސް ދެންނެވިދާނެއެވެ. ތާޒާ ޖޫސް ބުއިމަކީ ހަށިގަނޑުން ކެލަރީޒް އަންދާ ލުމަށް ކޮށިގެންދާ މަގެކެވެ.

ކުރިން ދެންނެވި، ކެރާޓާ،އި އޮރެންޖް އަދި އިނގިރު ބޭނުން ކޮށްގެން ތައްޔާރު ކުރި ޖޫހަށް ބަލާމަތޯއެވެ. މި ޖޫހުގައި ކެލަރީ މަދެވެ. ފައިބަރު ގިނައެވެ.

ކެރެޓް

ކެރަޓަކީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ގާތް ކުރަންވީ ބާވަތެވެ. ހެނދުނާ ކެރެޓް ޖޫސް ތައްޓެއް ބޯލައިފި ނަމަ، މެންދުރުގެ ކެއުމާ ޖެހެންދެން ބަނޑު ފުރިފައި ހުންނަ އިހުސާސް ކޮށްދެއެވެ. ނަތީޖާއަކަށް ވަނީ ދޭތެރެ ދޭތެރެއިން ކޮންމެހެން ކާންޖެހޭ "ކޫސަނި" ލުއިކާނާތަކާ ދުރު ވެވުމެވެ. ނަމަވެސް ނުފުރިގެން އުޅޭ ހިތަށް ސަމާލުވާން ވާނެއެވެ.

އޮރެންޖް

އޮރެންޖު ޖޫހަކީވެސް ފަތި ހަށިގަނޑެއްގެ ހުވަފެން ތަކުގައި ހަގީގީ ކުލަޖައްސާ ދޭ ބުއިމެކެވެ. އޮރެންޖް ޖޫހުގައި އެކުލެވޭ ކެލަރީޒް އަކީ، ހަށިގަނޑުން އެ އަންދާލަން ބޭނުންވާ ކެލަރީޒްއަށް ވުރެ މަދުން ކެލަރީޒް އެކުލެވޭ ބުއިމެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ އޮރެންޖް ޖޫސް ބޮއިގެން ހަށިގަނޑަށް އެތެރެވާ ކެލަރީޒްއަށް ވުރެ، އޮރެންޖް ޖޫސް ބޮއިގެން އަންދާލެވޭ ކެލަރީޒް ގިނައެވެ.

އިނގުރު

އިނގުރަކީ، ހަޖަމު ކުރުމުގެ ނިޒާމު ދުޅަހެޔޮ ކޮށްދޭ އެންޒައިމް ތަކުން ފުރިފައިވާ ބާވަތެކެވެ. ބަރުދަން ލުއިކުރުމުގެ މައި މުލަކީވެސް ދުޅަހެޔޮ ހަޖަމް ކުރުމުގެ ނިޒާމެކެވެ.

ތައްޔާރުކުރާނެ ގޮތް

1 ކެރެޓް (ތޮށި ނޮޅާ، ތުނިކޮށް ފޮއްޗަށް ކޮށާފަ)

1 އޮރެންޖުގެ ދިޔަ (ތާޒާ އޮރެންޖަކުން ފެލާ، އެހެން އެއްޗަކާ އެއްނުކޮށް)

1 އިނގުރު (ހިމުންކޮސް ކޮށާފަ)

ޕޭސްޓު ގަނޑަކަށް ވަންދެން ބްލެންޑަރެއްގައި ކެރެޓާ އިނގިރުކޮޅު އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް އޮރެންޖު ދިޔަ ފޮދު އެއްކޮށް، ގިރާލާށެވެ.

ސިއްހީ އިރުޝާދު

މި ޖޫހުގެ ފައިދާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނަމަ، ހެނދުނުގެ ވަގުތުތަކުގައި މި ޖޫސް ބޭނުން ކުރުމަށް އާދަ ކުރާށެވެ. ތިބާއަކީ އިތުރު ބައްޔަކަށް ބޭސްކުރާ މީހެއް ނަމަ، ނުވަތަ ކުށްލި ގޮތަކަށް ބަރުދަން ލުއިކޮށް، ބަނޑު ހިނދަން މަސައްކަތް ކުރާ މީހެއް ނަމަ ސިއްހީ މާހިރެއްގެ އިރުޝާދާއި ލަފާ ހޯދަން ވާނެއެވެ.