އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އެއްވެސް ދިވެއްސަަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އިންޑިޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އެއިމްސްގެ ޓީޗިންގް ބްލޮކެއްގަ އެވެ. އަދި އެއީ ޑޮކްޓަރުކަން ކިޔަވާ ކުދިން ބޭނުންކުރާ ބްލޮކެކެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކީއްވެގެން ކަމެއް އަދި އެގިފައެއް ނުވެއެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަލިފާންރޯވި ޓީޗިން ބްލޮކަކީ އެއިމްސްގެ އެމެޖެންސީ ވޯޑާއި ކައިރީގައި ހުންނަ ބްލޮކެކެވެ. އަދި އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދި އެއްކޮށް ނިންވާނުލެވޭތީވެ، އެމެޖެންސީ ވޯޑް ވެސް މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައި ކަމަށް ވެއެވެ. އަލިފާނުގެ ހާދިސާ ހިނގާދިއުމުގެ ސަބަބުން މިކަން ވަރަށް ގާތުން ބަލަމުން ގެންދާކަމަށްވެސް ރާއްޖެ އެމްބަސީއިން ބުނެއެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް މިހާތަނަށް ގެއްލުން ލިބިފައިނުވާކަމަށާއި، އެއިމްސްގައި އެމްބީީއެސް ކިޔަވާ ދިވެހިރާއްޖޭގެ އެއްވެސް ދަރިވަރަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްބަސީއިން ބުނެއެވެ.

ރާއްޖޭގެ އެމްބަސީއިން ވަނީ އެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް މިނިސްޓްރީއާއި އެމްބަސީއާ ހިއްސާކުރުމަށް ހާއްސަ ނަންބަރުތަކެއް ދީފައި ވެއެވެ. މިކަމާ ގުޅިގެން އެއްވެސް ކަމެއް ހިއްސާ ކުރަން ބޭނުންނަމަ އެމްބަސީގެ ނަންބަރު 919910032757+ އަދި މިނިސްޓްރީގެ ނަންބަރު 9607983400+ އަށް ގުޅައިގެން ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.