ދައުލަތުން އެކި ފަރާތްތަކަށް ބަދަލުދޭން ފެށުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއިރު ރާއްޖޭގެ މައި އެއާޕޯޓު ހިންގަމުން ދިޔަ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލާ ބަދަލުދިން ހިސާބުން ފެށިގެން ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ދައުލަތުން ބަދަލު ދިނުމުގެ ސަގާފަތެއް އުފެދިފައި ވާކަމަށް ބުނެ ސަރުކާރުގެ ތެރޭގައާއި އެމްޑިޕީގެ ތެރޭގައި މައްސަލަ ހޫނުވެފައި ވަނިކޮށް، އެ މައްސަލައިގައި އަނދުން ހުސައިން ވިދާޅުވީ މިކަންކަން ފެށިގެން އައީ 2008 ވަނަ އަހަރު އައި އެމްޑީޕީގެ ވެރިކަން "ބަޣާވާތަކުން ވައްޓާލި" ހިސާބުން ކަމަށެވެ. އަދި ބަދަލު ދިނުމުގެ ކަންކަން ފަށައިގަތީ ޖީއެމްއާރާ ހިސާބުން ކަމަށެވެ.
ބަދަލު ދިނުމުގެ މައްސަލައަކީ ދައުލަތުން ވައްކަން ކުރުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވެސް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވެފައި ވަނީ "ދައުލަތުން ބަދަލު ހޯދުން، މިހާރު އެންމެ ހިނގާ ވައްކަން" މިހެންނެވެ. އާޒިމުގެ އެ ޓްވީޓާއެކު އޭނާއަށް ގިނަ ބަޔަކު ރައްދު ދެމުން 2008 ގައިވެސް ވައްކަން ކުރި ކަމަށާއި އަދި 2012 ގައި އެއަށް ވުރެ ބޮޑަށް ކޮށްފައި މިހާރު އަތް ނުފޯރާ ވަރަށް މައްޗަށް ގޮސްފައި ވާކަމަށް ބުނެފައިވެއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ގެންދެވީ އިމެއް ނެތި ހަމައެއް ނެތި "ޖެހުނު އެއްޗެއް ފަރިއްކުޅުއްވަމުން" ކަމަށާ، އެމަނިކުފާނާ އެއްކޮޅަށް ނާރާ މީހަކު ނަމަ، ދެވުނު އަނިޔާއެއް ދެއްވަމުން ކަމަށެވެ. އަދި ދައުލަތުން ބަދަލު ދިނުން އާންމުވެގެން ދިޔައީ ރައީސް ޔާމީންގެ "އަނިޔާވެރިކަމާ، ނުބައި ނުލަފާ ކަމުގެ" ނަތީޖާއެއްގެ ގޮތުން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުން ބަދަލުދޭން ޖެހުނު ނަމަވެސް، ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު އެފަދަ ކަމެއް ކުރައްވާނީ އިންސާފުވެރި ކަމާ އަދުލުވެރިކަމާ އެކީގައި އެކަމެއް ނިމިގެން ކަމަށެވެ. އަދި އެނޫންގޮތަކަށް އެފަދަ ކަމެއް ނުހިނގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ވެސް، އަދި އިންވެސްޓެއް ކޮށްފައި ހުރި ބޭރު މީހަކަށް ވެސް އަދުލުވެރި ބަދަލެއް ދިނުމާ މެދުގައި، އޭނާ ދެކޮޅު ނަހައްދަވާނެ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ ދިވެހި ރައްޔިތުން އެމްޑީޕީ ކުރިއަށް ދިއުމަށްޓަކައި މަޖިލީހުގެ 65 ގޮނޑި ދިނީ ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެ ކޯޓުތައް އަދުލުވެރި އިންސާފުވެރި ފަނޑިޔާރު ގެތަކަށް ބަދަލުކުރުމާ އެކުގައި ނޫންގޮތަކަށް ދެވިގެންދާ ވިޔަފާރީގެ ބަދަލުތަކާ މިފަދަ ކަންކަމަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަންކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ މިސަރުކާރުގައި ތިއްބެވި ބޭފުޅުން ނަހަމަ އެއްވެސް ފައިދާއެއް ނަންގަވާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންގެ ގޮތުގައި މި ސަރުކާރުގެ ބޭފުޅުން ތިއްބެވި ނަމަވެސް އަދި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ނަމަވެސް، ރައީސް ދެންނެވި ޒީރޯ ޓޮލެރެންސްގެ ވާހަކައަކީ ލައްކަ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.