ބުޅާ ގެންގުޅޭ ހިތްވި ނަމަވެސް، ބުޅަލަށް އެލާޖިކް ވުމުގެ ސަބަބުން ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައި ވާ މީހުންނަށް ލުއި ފަސޭހަކަމެއް ހޯދާ ދިނުމުގެ ގޮތުން ހާއްސަ ވެކްސިނެއް ތައާރަފު ކޮށްފިއެވެ.

"ހައިޕޯކެޓް"ގެ ނަން ދީފައިވާ މި ވެކްސިން އުފައްދާފައިވާ ސުވިޓްޒާލަންޑްގެ ކުންފުންޏެއް ކަމަށްވާ "ހައިޕޯޕެޓް އޭޖީ"އިންނެވެ.

"ހައިޕޯކެޓް"ވެކްސިން ފަރުމާ ކޮށްފައި ވަނީ ބުޅަލުގެ އެލާޖީ އެންމެ އާންމުކޮށް މެދުވެރި ކުރުވާ "ފީލް ޑީ 1" އަށް އެ ބުޅާތައް އިމިއުނައިޒް ނުވަތަ ދިފާއު ކޮށްގެންނެވެ. "ފީލް ޑީ 1" އާންމުކޮށް ފެންނާނީ ބުޅަލުގެ ހަންގަނޑުން ފޮޅިގެން ނެއްޓޭ ހަންކޮޅު ތަކެއްގެ ގޮތުގައި ކަމަށް ވާއިރު، ބުޅަލަށް އެލާޖިކްވާ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ މި ހަންކޮޅުތަކުގެ ސަބަބުން އެލާޖިކްވާ މީހުންކަމަށް ޖާނަލް އޮފް އެލާޖީ އެންޑް ކްލިނިކަލް އިމިއުނޮލޮޖީގައި ވަނީ ފާހަގަކޮށްފައެވެ.

މި ވެކްސިން ފަރުމާކޮށްފައިވަނީ ބުޅަލުގެ ގަޔަށް ޖަހާ ގޮތަށެވެ.

މިހާތަނަށް ކުރި ތަހުލީލު ތަކަށް ބަލާއިރު އެއްވެސް ނުރައްކަލެއް ފާހަގަ ކުރެވިފައި ނުވާކަމަށް ވެކްސިން އުފެއްދި ކުންފުނިން އާންމުކުރި ޕްރެސް ރިލީޒްއެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

ރާވާފައިވާ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ދާނަމަ، 2022 ވަނަ އަހަރު މި ވެކްސިން ބާޒާރުން ލިބެން ހުންނާނެ ކަމަށް ޚަބަރު ލިބެއެވެ.