ވޭޕްކުރާ މީހުންގެ ފުއްޕާމެޔަށް ނުރައްކާތެރި އަނިޔާތަކެއްވެގެން ރިޕޯޓްކުރަމުން އަންނަ ކަމަށް ސިއްހީ ދާއިރާގެ ޚަބަރުތައް ބުނަން ފަށާފައެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ސީރިއަސް އަނިޔާތަކެއްވެގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާގެ އެކި ސަރަހައްދުތަކުން ކަމަށް ޚަބަރުތައް ބުނެއެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް އަނިޔާވެގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރި މީހުންނަށް އެތައް ހަފުތާއެއްވަންދެން ފަރުވާ ދީފައިވާއިރު، ބައެއް މީހުންނަށް ފަރުވާ ދީފައިވަނީ އައިސީޔޫގައިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް އަނިޔާވެގެން ރިޕޯޓްކުރި މީހުން ކުރަމުންދިޔަ ބައެއް ޝަކުވާތަކުގެ ތެރޭގައި ނޭވާ ކުރުން، ހުންއައުން، ކެއްސުން، ހޮޑުލުން، ބޭރަށް ހިނގުން، ބޮލުގައި ރިއްސުން، ބޯއެނބުރުން އަދި މެޔަށް ތަދުއެރުން ފަދަ އަނދަގޫތަކުގެ ޝަކުވާ ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ކަމާބެހޭ ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިކަން މެދުވެރިވާންވީ އަސްލު ސަބަބު ކަނޑައެޅިގެން ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ޒުވާނުންގެ މެދުގައި ވައިގައި ހިފާފައިވާ ވޭޕްކުރުމުގެ ވަބާގެ ސަބަބުން ހިނގާ މިފަދަ ހާދިސާތައް އަދިވެސް އިތުރުވަމުން އަންނަކަންވެސް ސިއްހީ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.

ވޭޕްކުރުމަކީ ފުރާވަރު އުމުރާ، ޒުވާން އުމުރުގެ ދިވެހިންގެ މެދުގައި މިފަހަކަށް އައިސް "މަގުބޫލުވެގެން" އުޅޭ "ފެޝަނަކަށް" އޮތީ ވެފައެވެ.