70 އަހަރު ވީއިރުވެސް ރިއާޔަތް ނުކުރެވި ހުރި ބޮޑެތި މައްސަލަތަކަށް، އެންމެ 70 ދުވަހުގެ ތެރޭގައި ރިއާޔަތް ކުރެވިގެން ހިނގައްޖެ ކަމަށާ، މައްސަލަތައް އިތުރަށް ދިގުދައްމާނެ ވަގުތެއް އިންޑިއާއަކަށް ނެތް ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ބޮޑުވަޒީރު ކަމުގެ މަގާމަށް ރައްޔިތުން މޯދީ ފޮނުއްވީ މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވަން ކަމަށާ، މިހާރުވެސް ކުރައްވަމުން ގެންދަވަނީ އެކަން ކަމަށެވެ.

ޖައްމުއާއި ކަޝްމީރަށް ގެނައީ ހެޔޮ ބަދަލެއް

ރެޑް ފޯޓުގައި ހުންނަވާ، 90 މިނެޓެއްހާއިރަށް ތަގުރީރު ކުރައްވަމުން މޯދީ ވަނީ ޖައްމު އާއި ކަޝްމީރުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ޖައްމުއާއި ކަޝްމީރުގެ ރަށްވެހިންގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް، ގާނޫނު އަސާސީން މާއްދާ 370 އާއި މާއްދާ 35 (ހ) އުވާލުމާ ގުޅިގެން އިންޑިއާގެ މައި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ މިދަނޑިވަޅުގައިވެސް މޯދީ ވާހަކަފުޅު ދައްކަވާފައިވަނީ، އިންޑިއާ ސަރުކާރުގެ ނިންމުން ދިފާއު ކުރެއްވުމުގެ ރޫހުގައެވެ. އެގޮތުން. ޖައްމުއާއި ކަޝްމީރު އަދި ލަދަކްގެ ރަށްވެހިންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހިގެން ހިނގައްޖެ ކަމަށާ، އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަކީ 130 ކްރޯރް އިންޑިއާ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ދެއްވި މިނިވަން ދުވަހުގެ ތަގުރީރުގައި މޯދީ އިތުރަށް ވިދާޅުވީ، ގައުމު ހިންގުމާ ސަރުކާރާ ހަވާލުވިތާ އެންމެ 10 ހަފުތާގެ ތެރޭގައި ރައްޔިތުންގެ ހައްގުގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން މާއްދާ 370 އުވާލުމަކީވެސް މިފަދަ ފިޔަވަޅެއްގެ ގޮތުގައި މޯދީ ވަނީ ސިފަކުރައްވާފައެވެ.

އެއް ގައުމެއް އެއް ގާނޫނެއް

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިބިދިން މާއްދާ 370 އުވާލާ، އިންޑިއާގެ މައި ގާނޫނު އަސާސީގެ ދަށަށް އެ ސަރަހައްދު ގެންގޮސްފައިވާއިރު، އެއީ އިންޑިއާއިން ހެދި ބޮޑު ގޯހެއް ކަމަށް ބުނާ ފަރާތްތަކަށް މޯދީ ވަނީ ރައްދު ދެއްވާފައެވެ.

ނުބައިކޮށް އެޅި ފިޔަވަޅެއް ކަމަށް ބުނާ ފަރާތްތަކުން އެނޫން ހައްލެއް ހޯދާދީފައި ނުވާކަމަށާ، ނަމަވެސް މިއަދު އިންޑިއާގެ ހުރިހާ ރައްޔިތުންނަކީވެސް އެއް ގައުމަކަށް ނިސްބަތްވާ، އެއް ގާނޫނަކަށް ކިޔަމަންވާ ބައެއްކަން ފަޚްރުވެރިކަމާއެކު ދަންނަވަން ކެރޭނެކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމަކީ އިންސާނިއްޔާތާ ދެކޮޅު ހަނގުރާމައެއް

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް ހިންގާ ޓެރަރިޒަމްގެ އަމަލަކީ އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމަށާ، އިންސާނިއްޔަތަށް މަސައްކަތްކުރާ ދުނިޔޭގެ ބާރުތަކުން، ޓެރަރިޒަމްއާއި ދެކޮޅަށް އެކަތިގަނޑަކަށްވުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

ޓެރަރިޒަމަށް ފަންޑުކޮށް، ޓެރަރިސްޓުން އުފައްދަމުންދާ ފަރާތްތައް ފަލީހަތް ކުރެވެންޖެހޭ ކަމަށާ، މިކަމުގައި އިންޑިއާއިން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާކަމަށްވެސް މޯދީގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. މިއީ ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް އިންޑިއާއިން އަމާޒުކުރަމުންދާ ޕާކިސްތާނަށް އިޝާރާތްކުރައްވާ މޯދީ ގޮންޖެއްސެވުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އިންޑިއާއަކީ އިގުތިސޯދީ ހަބެއް

ދުނިޔޭގެ 3 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އިންޑިއާގެ 73 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ދެއްވި ތަގުރީރުގައި މޯދީ ވަނީ، އިންޑިއާގެ އިގުތިސޯދު ކުރިއެރުވުމުގެ ތަސައްވުރުވެސް ހިއްސާކުރައްވާފައެވެ.

އިންޑިއާއިން ކުރިއަރާ ދާންވީ، ހަލުވި ދުވެއްޔެއްގައި ކަމަށާ، އަދި މި ދުވެލީގައި، އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް ކުރިއެރުން ހޯދާދެވެން ވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. ފަގީރުންގެ އަތުގައި ހިފައިގެން ކުރިއަށްދިއުމަކީ އިންޑިއާގެ ޒިންމާއެއް ކަމުގައިވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއަށް ބޭނުންވަނީ ކުރި އަރަމުން، އަރަމުން ދިއުން ނޫންކަމަށާ، އިންޑިއާއަށް ބޭނުންވަނީ އުހަށް ފުންމާލައިގެން ހޯދޭ ވަރުގެ ކުރިއެރުމެއް ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ވިސްނުން ބަދަލުކުރަންޖެހިފައިވާކަމަށާ، މިކަން ކުރާއިރު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ރަނގަޅު އުސޫލުތަކުގައި ހިފަހައްޓަންޖެހޭނެކަމަށްވެސް މޯދީ ގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގައި މިއަދު ފާހަގަކުރަމުންދާ އެ ގައުމުގެ 72 އަހަރު ފުރޭ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބާގެ ރަސްމީ އިހުތިފާލުތައް ފައްޓަވާދެއްވާފައިވަނީވެސް މޯދީއެވެ. އެގޮތުން، އިންޑިއާ ގަޑިން ހެނދުނު 07:30 ގައި މޯދީ ވަނީ، އިންޑިއާގެ ގައުމީ ބިނާގެ ގޮތުގައި ސިފަކުރަމުން އަންނަ ރެޑް ފޯޓުގައި ހުންނައިންޑިއާގެ ބޮޑު ދިދަ ނަންގަވާދެއްވާފައެވެ.

ގައުމާ މުހާތަބުކުރައްވާ މިއަދު މޯދީ ދެއްވި ތަގުރީރަކީ، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން މިނިވަންދުވަހުގެ މުނާސަބަތުގައި މޯދީ ކުރެއްވި 6 ވަނަ ތަގުރީރެވެ.