ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެވޭ މިންވަރު މަދުކުރެވޭނެ ކަމަށާ، އެކަން ކުރުމަށް ބޭނުންވަނީ ހިތްވަރެއް ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުވިލާތުންވެސް ޕްލާސްޓިކު ކޮތަޅު މަނާ ކުރަނީ ކަމަށްބުނެ މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރަކަށް ހިޔާލުފާޅުކުރައްވަމުން ޝިފާ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުފައިވަނީ، ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެ ކުރުން މަނާ ކުރެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު އެއްގަމު އުޅަނދު ފަހަރު މާލެ އެތެރެކުރެވޭ މިންވަރުވެސް މަދު ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށާއި، އެއްގަމު އުޅަނދު ފަހަރު މާލެ އެތެރެކުރާ މިންވަރު މަދު ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

ޝިފާ މިހެން ވިދާޅުވެފައި ވާއިރު، ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ހާއްސަ ކެމްޕޭންގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އަންނަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލަމުންނެވެ.

މީގެއިތުރަށް އެއްފަހަރު ބޭނުންކުރާ ހުރިހާ ބާވަތެއްގެ ޕްލާސްޓިކް 2025 ރާއްޖޭގައި މަނާކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކަށް ގޮވާލަައި ގަރާރެއް ރައްޔިތުން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ބައިނަލް އަގްވާމީ ފެންވަވަރުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ"ގެ ތަޖްރިބާ، ޔޫއެންޑީޕީގެ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ޢާއްމު ބައްދަލުވުމުގައިވެސް ވަނީ ހިއްސާކޮށްފަ އެވެ.

ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އަމިއްލަ ފަރުދުންވެސް އިސްނަގައިގެން މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން ޕްލާސްޓިކް ފުޅި ބޭނުން ކުރުމުގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރުމާއި، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުގެ ބަދަލުގައި ކަރުދާސް ނުވަތަ ފޮތި ދަބަސް ބޭނުން ކުރެވިދާނެ އެވެ.