ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ބުނެ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މުއާސަލާތީ ހިދުމަތްތައް މުޅިން ކަނޑާ، ކަޝްމީރުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދިއުމުގެ ހުއްދަ، އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ މައި ސަރުކާރަށް ދިނުމަށް ނިންމުމާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންޑިއާ ގޮފިން، އެކަން ކުށްވެރިކޮށްފިއެވެ.

އިންޑިއާގެ މައި ސަރުކަރުގެ ބެލުމުގެ ދަށުން، އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ފޯރިމަރަމުންދާއިރު، ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މީގެ އެތައް އަހަރެއް ކުރިން ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލު ގެއްލިގެންދާ ގޮތަށް، އެގައުމުގެ ގާނޫނު އަސާސީން، މާއްދާ 370 ވަނީ އުވާލާފައެވެ. މިފަދަ ހާލެއްގައި ވަނިކޮށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަލާމަތީ ބާރުތަކަށް ސުޕްރީމް ކޯޓުން ގޮވާނުލި ކަމީ، ޖައްމު އާއި ކަޝްމީރުގެ ރައްޔިތުންނަށް ދެވުނު ބޮޑު އަނިޔާއެއް ކަމުގައި އެމްނެސްޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކަޝްމީރުގެ މައި ސިޓީ ސްރީނަގަރުގައި މަސައްކަތްކުރާ އިންޑިއާގެ އެހެން ހިސާބުތަކުގެ ރަށްވެހިން ކަޝްމީރު ދޫކޮށް ދިއުމަށް ކިއު ހަދާފަ/ފޮޓޯ: އަލްޖަޒީރާ

ކަޝްމީރުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމާ، ހިޔާލާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމާ، ސިޔާސީ ލީޑަރުންނާ އެކްޓިވިސްޓޫން ހައްޔަރުކުރުމާ، ކަޝްމީރުން ސީދާ ޚަބަރުތައް ފޮނުވުމަށް ހުރަސްއަޅާ، އެސަރަހައްދުގެ އަޑުތައް ބައިނަލްއަގުވާމީ ދުނިޔެއަށް އިއްވެން އޮތް މަގުތަކަށް އަޅަމުންދާ ހުރަސްތަކާ ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.

މަދަނީ ހައްގުތަކުގެ މިނިވަންކަމުގެ ދޮރުގައި މި ގޮތަށް އަތްއަޅައިގެން އޮންނަންވެއްޖެ ނަމަ އުފެދިގެން ދާނީ އިތުރު ހަމަނުޖެހުންތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދުމާއި، އަދިވެސް އިތުރަށް ލާއިންސާނީ ޖަރީމާތަކެއް ހިންގުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމުގެ އިންޒާރު ވެސް އެމްނެސްޓީން ވަނީ އިންޑިއާގެ މައި ސަރުކާރަށް ދީފައެވެ.

ޖައްމު އާއި ކަޝްމީރުގެ އިންޑިއާއި ވީ ފަޅީގެ ފަޅުވެފައިވާ މަގެއް މަތީގައި ދެމައިން ދަށިބަރިއެއް ހިނގާފައި ދާއިރު ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އެކްޓިވް މީޑިއާ

ކަޝްމީރުގެ އާންމު ހާލަތަށް ބަލާއިރު މަގެއްގެ މަތިން އާންމުންގެ މީހަކު ނުފެނެއެވެ. މުޅި ސަރަހައްދުގައި ހަރަކާތްތެރިވަނީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ފައުޖުތަކެވެ. މުޅި ހިސާބުގައި ވަނީ ތޫނު ނަރުދަލުގެ ޗޭނުތަކެއް ދަމާފައެވެ.

ކަޝްމީރަކީ ޒަމާނުއްސުރެ ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ތަޖުރިބާ ކުރަމުންދާ ސަރަހައްދެއް ނަމަވެސް، ކަޝްމީރުގައި މިވަގުތު ދިރިއުޅެމުންދާ 4 މިލިއަނެއްހާ މީހުން ބުނާ ގޮތުގައި ހުސްވި ހަފުތާގައި އިންޑިއާ ސަރުކާރުން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކާއި، އަމަލުކުރަމުންދާ ހަރުކަށި އުސޫލުތައް ފަދަ ކަމެއް މާޒީގައި ވެސް ތަޖުރިބާކޮށްފައި ނުވާކަމަށެވެ.

މާއްދާ 370 އާއި ގާނޫނަށް ގެނެވުނު ބަދަލުގެ ނަތީޖާ

މާއްދާ 370 އަކީ، ކަޝްމީރު މީހުންނަށް މިނިވަންކަމުގެ އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. އެގޮތުން ވަކި ގާނޫނު އަސާސީއެއް އެކުލަވާލުމާ، ވަކި ދިދައެއް ގެންގުޅުމާ، ގާނޫނުތައް ހަދާ އުޅުމުގެ ބާރު ކަޝްމީރުގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. ހާރިޖީ، ދިފާއީ އަދި މުއާއްސަލާތާ ގުޅުންހުރި ސިޔާސަތުތައް ހިންގާ ބެލެހެއްޓުން އޮންނަނީ މައި ސަރުކާރަށެވެ.

މާއްދާ 370 އުވާލާ ބިލް މަޖިލީހުގައި ހާމަކުރެއްވި ބީޖޭޕީގެ ކުރީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އަމީތު ޝާހު (ކ) ގެ އުފަން ދުވަސް ފާހަގަކުރެއްވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފޮނިކާއެއްޗެއް ދެއްވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ގާނޫނު ހަމަޖެހިފައި އޮތް ގޮތުން، ރަށްވެހި ކަން ދީ ބިން މިލްކު ކުރުމާ އެނޫންވެސް އަސާސީ ހައްގުތަކާ ގުޅިގެން ބަސް ކިޔާ، ގާނޫނީ ހައިސިއްޔަތު ދިނުމުގެ ފުރިހަމަ މިނިވަންކަން ޖައްމު އާއި ކަޝްމީރު ސްޓޭޓަށް އޮތީ ލިބިފައެވެ. އެ ސްޓޭޓަށް ނިސްބަތް ނުވާ އިންޑިއާ މީހުންނަށް ޖައްމު އާއި ކަޝްމީރު ސްޓޭޓުން ބިމާ މުދާ މިލްކު ނުކުރެވޭ ގޮތް ހެދުމުގެ ބާރުވެސް މި ސްޓޭޓްގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. އެތަނުގައި ވަޒަންވެރިގެން އުޅެވޭނެ މީހުންނާ އެނޫން މީހުން ކަނޑައެޅުމުގެ ބާރުވެސް އޮތީ ލިބިފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު މުސްލިމުންގެ މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓަކީވެސް ޖައްމު އާއި ކަޝްމީރުގެ ސްޓޭޓްއެވެ. ހިންދޫންގެ ވެރިކަމާ ބާރު އޮންނަ އިންޑިއާއަށް މިއީ ހަޖަމު ކުރަން މާ ފަސޭހަ ކަމަކަށް ނުވެއެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ހިންދޫ ނޭޝަނަލިސްޓް ބާރްތިޔާ ޖަނާތާ ޕާޓީއަކީ މާއްދާ 370އާއި ދެކޮޅު ބައެކެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގައި ކުރިއަށްގެންދިޔަ އާންމު އިންތިހާބުގައި ބީޖޭޕީއިން އެކުލަވާލި މެނިފެސްޓޯގައިވެސް ހިމެނުނު އެއް ކަމަކީ މާއްދާ 370 އުވާލުމެވެ. ކަޝްމީރުގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ކަޝްމީރުގައި އޮތް މުސްލިމު މެޖޯރިޓީ ރޫޅާލުމުގެ ނިޔަތުގައި ސަރުކާރުން ކުރި ކަމެކެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިންޑިއާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ކަޝްމީރުގައި ވަކި ގާނޫނެއް ނުއޮންނާނެއެވެ. އަމަލުކުރުން ލާޒިމުވާނީ އިންޑިއާގެ މައި ގާނޫނު އަސާސީއަށެވެ. އިންޑިއާގެ ގާނޫނު އަސާސީގެ ހުރިހާ މާއްދާއެއް ކަޝްމީރުގެ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރެވިގެންދާއިރު، އެހެން ހިސާބުތަކުގެ މީހުންނަށްވެސް ކަޝްމީރުން ބިމާ މުދާ މިލްކުކުރުމުގެ މަގު ތަނަވަސްވީއެވެ.

ސްރީނަގަރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން ޖޭ.ކޭ.އެލް.އެފްގެ ލީޑަރު ޔާސީން މަލިކު ހައްޔަރު ކުރުމަށް އިންޑިއާގެ ފުލުހުން މަސައްކަތް ކުރަނީ/ފޮޓޯ: ރޮއިޓާޒް

އިންޑިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ޖައްމު އާއި ކަޝްމީރުގެ ބޮޑު ސްޓޭޓް ބައިކޮށް، އިދާރީ ކުދި ދާއިރާތަކަށް ބަހާލުމަށެވެ. ޖައްމު އާއި ކަޝްމީރު މައިގަނޑު 3 ބަޔަކަށް ބައިކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު، ހިންދޫންގެ މެޖޯރިޓީ އޮންނަ ޖައްމު އަދި ބުދިސްޓުންނަށް ލަދަކް ސަރަހައްދެވެ.

********************************