އިންޑިއާއާއި ޕާކިސްތާނުން ވެސް އެ ސްޓޭޓެއްގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭގޮތަށް، އިންޑިއާގެ ގާނޫނު އަސާސިއިން މާއްދާ 370 އުވާލާ، ކަޝްމީރަށް ލިބިފައިވާ އޮތް ހާއްސަ ދަރަޖައަށް އުނިކަން އަންނަ ލިބޭ ގޮތަށް އިންޑިއާގެ މައި ސަރުކާރުން ހިންގަމުންދާ އަމަލުތަކުގެ މައްސަލާގައި، އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އެދި ޕާކިސްތާނުން ގޮވާލައިފިއެވެ.

ޕާކިސްތާނުގެ ފަރާތުން އެގައުމުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ސޮއިކުރައްވާ، އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ގުރައިޝީ ވިދާޅުވީ، ޕާކިސްތާނުން ހަމަނުޖެހުމެއް ނުއުފައްދާނެ ކަމަށާއި، ނަމަވެސް ޕާކިސްތާނުން މަޑުން އޮންނަ އޮތުމަކީ، ޕާކިސްތާނުގެ ނިކަމެތިކަން ކަމުގައި އިންޑިއާއިން ފަހަރެއްގައި ވެސް ދެކިގެން ނުވާނެ ކަމަށެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި އިންޑިއާއިން ބާރުގެ ބޭނުންކޮށްފިނަމަ، އަމިއްލަ ވަޒަނުގެ ދިފާއުގައި، ލިބިފައިވާ ފުރިހަމަ އަސްކަރީ ގާބިލުކަމާއެކު ރައްދު ހަމަލާ ދިނުމަށް ޕާކިސްތާނަށް މަޖުބޫރުވާނެ ކަމަށް ގުރައިޝީގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއީ ނުރައްކާތެރި މަސްރަހެއް ކަމަށް ވިދާޅުވެ، ގުރައިޝީ ވަނީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގެ މި ސިޓީއާއި ގުޅިގެން، އދގެ ސަލާމަތީ މަޖިލީހުން ޖަވާބުދާރީ ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. ސަލާތަމީ މަޖިލީހުގައި ހިމެނޭ ދާއިމީ ނޫން މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމެއްކަމަށްވާ ޕޯލަންޑުންވަނީ، މިފަދަ ސިޓީއެއް ޕާކިސްތާނުން ލިބިފައިވާކަމަށާ، މިކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކަށީގެންވާ ނިންމުމެއް ނިންމާނެކަން ހާމަކޮށްފައެވެ. މި ހިނގާ އޯގަސްޓް މަހު، ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ ޕޯލަންޑުންނެވެ.