އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ އޯގަސްޓް މަހުގެ 15 ދުވަހަކީ، އެގައުމުގެ ގައުމީ ދުވަސް ކަމުގައި ރިއާޔަތްކޮށް އިންޑިއާގެ ފުލުހުން އާންމުކުރި އެޑްވައިޒަރީއެއްގެ މައްސަލާގައި، ފުލުހުންނާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް، ދިއްލީ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ދިއްލީ ހައިކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ދިއްލީ ފުލުހުންގެ ދެކުނު ޔުނިޓުން އާންމުކުރި އެޑްވައިޒަރީގެ ސުރުހީ ފިޔަވާ، އެލިޔުމުގެ ހުރިހާ ހިސާބެއްގައި ވެސް އޯގަސްޓް 15 ދުވަހަށް ރިއާޔަތްކޮށްފައި ވަނީ "ގައުމީ" ދުވަހުގެ ގޮތުގައި ކަމަށެވެ.

މައްސަލަ ހުށަހެޅި މަންދީތު ސިންހް ކުގް ބުނީ އޭނާ މިކަން ކުރީ، ދިއްލީ ފުލުހުން އާންމުކުރާ ބަޔާންތަކަކީ އިސް އޮފިސަރުން ޗެކް ނުކޮށް ދޫކޮށްލާ ބަޔާންތަކެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި އޯގަސްޓް މަހުގެ 15 ދުވަސް ހަމަޖައްސާފައި ވަނީ 1947 ވަނަ އަހަރު، އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިކަން ލިބުނު މުނާސަބާއާއި ގުޅުވައިގެންނެވެ. އިންޑިއާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 26 ވަނަ ދުވަހެވެ. އެއީ 1950 ވަނަ އަހަރު، އިންޑިއާގެ ގާނޫނު އަސާސީ ތަސްދީގުކުރަން ފެށި ދުވަހުގެ މުނާސަބާއާއި ދިމާކޮށެވެ. ކަންމިހެން އޮންނަތާ އެތައް އަހަރެއްވީ ނަމަވެސް، އަދިވެސް ގިނަ ބަޔަކަށް މި އޮޅުން އަރާކަން އިންޑީއާގެ މީޑިއާއިން ފާހަގަކުރެއެވެ.