މިއަހަރުގެ ބޮޑު އީދަކީ ފެން އީދަކަށް ވިޔަސް ފޯރި ގަދަ އީދެކެވެ. ހާއްސަކޮށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދާ ގުޅިގެން ހިންގި ބައެއް ހަރަކާތްތަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހަރަކާތް ތަކެކެވެ. އެގޮތުން ހދ ކުޅުދުއްފުށީގައި ބޭއްވި ފުޅަނދު ބުރަކީ ފާހަގަ ކޮށްލެވޭ ފުޅަނދު ބުރެކެވެ.
އެ ފުޅަނދު ބުރު މިފަހަރު އަމާޒު ވެފައި އޮތީ ބޮޑަށް އެޖެންޑާ 19 އަށެވެ. ހާއްސަކޮށް އެޖެންޑާ 19 ގައި ބުނާ ބައެއް ވައުދު ތަކަށެވެ. އެގޮތުން ރާއްޖެއާއި އިންޑިއާގެ ކޮޗިންއާ ދެމެދު ދަތުރު ކުރާ ފެރީއާއި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން ބުނާ ބޮޑެތި ބޯޓު ފަހަރުތަކާއި، ސިއްހީ ވަސީލަތްތަކަށާ އެނޫންވެސް ބައެއް ކަންކަމަށް ފާޑު ކިޔުންތަކަށް އަމާޒުކޮށްފައި ހުއްޓެވެ.
ފުޅަނދުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާޅުކަމެއް ލިބިގެން ދިޔައީ 'ޓަގް ބްރޯ' ނުވަތަ 'ސޫތުކުޅި 9' ޖަހާފައި ހަދާފައި އޮތް ޓަގަށާއި 'ބްރޯ' ގެ ސިފައާ ވައްތަރު ވާނެހެން އިން މީހާއަށެވެ.
އަދި ހަމަ އެހެންމެ، މިފަހަރު އީދުގައި 'އަސްލު ލުތުފީ' ވެސް ފެނިގެން ދިޔައީ ކުޅުދުއްފުށީ ފުޅަނދުންނެވެ. ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި، ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނައި އިރު، ހެދުން އަޅައިގެން ހުރި ގޮތަށް ހެދުމާއި ތޮފި އަޅައިގެން އޭނާ ހުރީ 'އަސްލު ލުތުފީ' ލިޔެފައި އޮތް ފޮށްޓެއް ހިފައިގެންނެވެ.
މި އީދުގައި ދެން އެންމެ ފާހަގަ ވީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮތަށް ހެދުން އަޅައިގެން މާލި ހެދިގެން ހުރި މީހާއަށެވެ.
އީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތަކާއި މާލި ނެށުމާއި، ދަނޑި ޖެހުމާއި، ކުރުފަލި ޖެހުމާއި، ބޮޑުބެރާއި ދަފި ނެގުން ފަދަ ގިނަ ހަރަކާތްތަކެއް އޮންނަ އީދެކެވެ. އަދި ފެންކުޅި ކުޅުމާއި ކުލަ ޖެހުމަކީވެސް އީދަށް ހާއްސަ ކަންކަމެކެވެ. އަދި ބޮޑުމަސް ބޭނުމަކީ އީދު ފުރިހަމަ ކުރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ކުޅޭ އެއް ކުޅިވަރެވެ.