އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގައި ދެކުނުގެ ކެރެލާ ސްޓޭޓުން 28 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިމީހުންނަކީ ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި މަރުވި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

60000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، ކެރެލާ ސްޓޭޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތްތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އާދީއްތަ ދުވަހުގެ މެންދުރުން އަނބުރާ 03 ޖެހުމާ ހަމައަށް އެއާޕޯޓްގެ އޮޕަރޭޝަންތައް އޮންނާނީ ހުއްޓާލާފައި ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއަށް ހުޅަނގު މޫސުން ކުރިމަތި ވަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދުގައި ކަމަށްވާއިރު، މި ދުވަސްވަރަކީ ފެންބޮޑުވުމާއި އެކަމާ ގުޅުންހުރި އެކި ހާދިސާތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލެމުންދާ ދުވަސްވަރެކެވެ. ނަމަވެސް މޫސުމީ ވިއްސާރައިގެ ދުވަސްވަރަކީ، އާބާދީގެ ބޮޑު އިންސައްތައެއް، ދަނޑުވެރިކަމަށް ބިނާވެފައި އޮންނަ އިންޑިއާގެ ރައްޔިތުންނަށް ނުހަނު ފައިދާ ލިއްބައިދެނިވި ދުވަސްވަރެއް ވެސްމެއެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، އެ ސްޓޭޓްގައި ދިރިއުޅޭ ދިވެހިން ސަމާލުވެ ތިބުމަށް، އިންޑިއާގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުށްލި ހާލަތެއް މެދުވެރިވެ، އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެ ހޮޓްލައިން) ( 00919847702554 ވަނީ ގާއިމުކޮށްފައެވެ.