އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކެރެލާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އެދެފިއެވެ.

ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކޮޗިން އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ކެރެލާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އެ ސްޓޭޓްގެ ބައެއް ހިސާބުތަކަށް ރެޑް އެލާޓްވެސް ނެރެފައެވެ. އަދި އަނެއް ބައި ހިސާބުތަކަށް އޮރެންޖް އެލާޓްވެސް ވަނީ ނެރެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކެރެލާއަށް އެލާޓު ނެރެފައި ވާތީ އެ ހިސާބުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދޭ ކަމަށެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއާޕޯޓު ވެސް އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ބަންދު ކޮށްފައި ވާ އިރު، އިތުރު އެހީއެއް ބޭނުން ނަމަ ހޮޓްލައިން ނަމްބަރަށް ގުޅަން އެދޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި ވަނީ އޯގަސްޓް 11 ވާ އާދީއްތަ ދުވަހުގެ މެންދުރުން އަނބުރާ 03:00 ގެ ނިޔަލަށެވެ.

އިންޑިއާ މިހާރު ކުރަމުންދަނީ ކޮންމެ އަހަރަކުވެސް އެ ގައުމަށް ކުރާ ޖޫން މަހާއި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ މޫސުމީ ވިއްސާރައެވެ. އެ ގައުމުގެ ރެސްކިޔު ޓީމުތަކުން ބުނެފައި ވަނީ މިހާތަނަށް 33 މީހަކު މަރުވެ 180،000 އަށް ވުރެ ގިނަ މީހުން ސަލާމަތީ ކޭމްޕުތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އިންޑިއާގެ ގައުމީ ކާރިސާތަކާ ބެހޭ ކޮމިޓީއިންވަނީ މަހާރާޝްތްރާ، ކަރުނާޓަކާ، ކެރެލާ، އަދި ގުޖުރާޓު ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައާއި، ވިއްސާރައިގެ ސަބަބުން ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.