އިންޑިއާއާއި ޕާކިސްތާނާ ދެމެދު އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބިގެންދާ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީން މާއްދާ 370 އުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމާ، އެކަން ދިފާއު ކުރަމުންދާއިރު މި މައްސަލައިގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދުމުގެ ރައިޓްސް ހޯދުމަށް ފިލްމް ޕްރޮޑިއުސަރުން މަސައްކަތްކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިކަމަށް އެންމެ ފުޅާކޮށް ވަކާލާތު ކުރަމުންދާ އެކަކީ ފިލްމް ޕްރޮޑިއުސާ އާނަންދު ޕަންޑިތެވެ. އާނަންދު ބުނާ ގޮތުގައި، މާއްދާ 370އާއި ހަމަ މިމައްސަލައާއި ގުޅިފައިވާ މާއްދާ 35 (ހ) އާއި ގުޅިގެން ފިލްމު އުފެއްދުމުގެ ރައިޓްސް ހޯދުމަށް އެދި އޭނާ ހުށަހަޅާފައިވާނީ، މި މާއްދާތަކާ ގުޅުންހުރި މައްސަލަ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އެޖެންޑާކޮށް، އެތައް ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުވާލުމުގެވެސް ކުރިން ކަމަށެވެ.

"އާޓިކަލް 370" އާއި "އާޓިކަލް35 އޭ"ގެ ޓައިޓްލް ރައިޓްސް ހޯދުމަށްއެދި ހުށަހަޅައިގެން އުޅޭތާ މަހެއްހާ ދުވަސް ވެދާނެ ކަމަށްވެސް އާނަންދު ދަނީ ބުނަމުންނެވެ. އާނަންދުގެ ފިކުރަކީ އިންޑިއާ ސަރުކާރުގެވެސް ފިކުރު ކަމަށްވާއިރު، މިފިލްމަކީ އިންޑިއާގެ ތާރީހީ ފިލްމަކަށް ވެގެންދާނެ ކަމަށްވެސް އާނަންދު ދަނީ ބުނަމުންނެވެ.

މިދަނޑިވަޅަކީ ބޮލީވުޑްގެ އިތުރު މަސައްކަތްތަކެއްވެސް ކަޝްމީރުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ދަނޑިވަޅެކެވެ. ނަމަވެސް ކަޝްމީރުގައި ތިބި ދަތުރުވެރިންނާ ފަތުރުވެރިން އެސަރަހައްދުން ބާލާ، ކާފިއު އިއުލާންކޮށް އަސްކަރީ ބާރުތަކުން ފޯރިމަރަމުންދާ ދިއުމުގެ ސަބަބުން، މިމަސައްކަތްތައް މިވަގުތު ވަނީ މަޑުޖައްސާލާފައެވެ.