އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ކަން ހިނގަމުންދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގޫޓެރޭޒް ވިދާޅުވެއްޖެއެވެ.

ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 370 އުވާލާ، އެކަމަށް އިންޑިއާގެ ސަރުކާރުން ތާއީދުކުރަމުންދާއިރު، ކަޝްމީރުގެ މުވާސަލާތީ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އިންޑިއާގެ އަސްކަރިއްޔާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގެ "ފޯރިމަރަމުން" ދާއިރި، މުޅި ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ކަޝްމީރުގެ މައްސަލައާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ގޫޓެރޭޒް ވިދާޅުވިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދިފާއު ކުރައްވާ، އެއީ ޓެރަރިޒަމްއާއި ވަކިވެގަތުމުގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ސަރުކާރަށް ލިބިދީފައި އޮތް ހާއްސަ ބާރެއްގެ ދަށުން ހޯމަ ދުވަހު މާއްދާ 370 އުވާލިފަހުން މިއަދާ ހަމައަށް އެތައް ސަތޭކަ ބަޔަކު ވަނީ ކަޝްމީރުން ހައްޔަރުކުރެވިފައެވެ.

އިންޑިއާގެ ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށާ، މިއީ މިހާރުވެސް އިންސާނީ ހައްގުތަކުގެ ހާލަތު އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާ ކަޝްމީރުގެ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު އަނިޔާއެއްކަން ދޭހަވާފަދަ މޭރުމަކުން ގޫޓެރޭޒް ވަނީ ބަޔާނެއްގައި ވިދާޅުވެފައެވެ.

ވީވަރަކުން ހަމަލާ ބަދަލު ނުކުރުމަށާ، ސުލްހައަށް ބުރޫ އަރާފާނެ އެއްވެސް ކަމަކުން ދުރުވެ ތިބިމަށްވެސް ގޫޓެރޭޒް ވަނީ، ކަޝްމީރުގެ މައްސަލާގައި 70 އެތައް އަހަރެއްވީ ހަނގުރާމައެއް ކުރަމުންދާ ޕާކިސްތާނާ އިންޑިއާއަށް ގޮވާލައްވާފައެވެ.

ކަޝްމީރަކީ އެބައި މީހުންގެ ފުރިހަމަ މިލްކެއް ކަމަށް އިންޑިއާއާއި ޕާކިސްތާނުން ވަކާލާތު ކުރާއިރު، ޖައްމު އާއި ކަޝްމީރަށް ދީފައިވާ ސްޓޭޓެއްގެ ދަރަޖަ އުނިކޮށް، ވަކިވެފައިވާ 3 ޔޫނިއަން ޓެރަރީއަށް އެސަރަހައްދުގެ އިދާރީ ހިންގުން ބަދަލު ކުރުމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.