ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބައޮތެވެ. ބަރުދަން ލުއިކުރުމުގެ އިމްތިހާނަކީ ހީކުރާހާ ފަސޭހަ އިމްތިހާނެއް ނޫނެވެ. ނަތީޖާ ނެރެން ކިތަންމެ މަސައްކަތެއް ކުރިއަސް، ނަތީޖާ ނުލިބި ހިނގައިދާނެ އިމްތިހާނެކެވޭސް ބުނެވިދާނެއެވެ. ބަރުދަން ލުއިކުރަން ބޭނުން މީހުން ނުކުރާ ހަމަ އެއްކަމެއްވެސް ނެތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބާރު ސްޕީޑްގައި ދުވުން، މަޑުދުވެލީގައި ދުވުން، ހިނގުން، ޒުމްބާއާއި ޖިމްއަށް ދިއުން، މިހެން ގޮސް ބޮޑު ލިސްޓެއް ދަމާލެވިދާނެއެވެ. އެހެންނަމަވެސް، ނަތީޖާއެއް ނިކުންނަތަން ނުފެނި ނުވަތަ އެ ނިކުންނަ ނަތީޖާއަކީ ބޮޑުވާ ބިއްލޫރި އަޅާގެން ނޫނީ ނުފެންނަ ވަރުގެ ނަތީޖާއަކަށްވެސް 'ހިތްމަރުވަނީ'ވެސް މަދުފަހަރަކު ނޫނެވެ.

އާންމު ބަލިތަކައިގެން ޑޮކްޓަރެއް ގާތަށް ދިއަޔަސް މިހާރު އެންމެ ފުރަތަމަވެސް އަޑުއިވޭ އިރުޝާދަކީ "ބަރުދަން ލުއިކުރާށޭ" ބުނާ އަޑު ނޫންތޯއެވެ. ގޭދޮށުގައި ހިނގާލާ، މޫދަށް ގޮސްލާ އުޅެން އިރުޝާދު ނުދޭ ޑޮކްޓަރަކުވެސް މަދުވާނެއެވެ. ތެދެކެވެ. ދިވެހިންނާ މޫދު މާ ދުރެއް ނޫނެވެ. ގިނަ ދިވެހިންނަކީ މާ ގަދައަށް ނުފެތިއަސް، މޫދަށް ގޮސް އުޅޭ މީހުންނެވެ. އެވަރުންވެސް ބަރުދަނަށް އެކަމުން އަސަރެއް ކުރާތީ ފެންނަނީ މަދު މީހަކަށެވެ. މިވާ ގޮތެއް ބަލަމާ ހިނގާށެވެ.

މޫދަށް ދިއުމާ ފެތުމަކީވެސް ހުނަރެކެވެ. "އަމާބުނީތީ ފަރަށްދާ" އުސޫލުން މޫދަށް ގޮސްލައިގެން މިކަމެއް ނުވާނެއެވެ. ކޯޅިކޯޅިއަށް ފުޅިމަދު ނޫޑްލްސް ހިފައިގެން ގޮސް ތިބެ، އަވަށު އެންމެންގެ ވާހަކަ ދައްކަން މޫދުގައި ގަޑިދެގަޑިއިރުވެސް ހޭދަކުރެވިދާނެއެވެ. ހަށިގަނޑުގެ ބަރުދަނަށް ލުއިކަމެއް އަންނާތީ ފެންނާނެ ހެއްޔެވެ؟ ވެގެންވިއްޔާ މީހުންގެ މަސްކައިގެން ވާނީ ބަރުތާއެވެ.

ޑޮކްޓަރުގެ އިރުޝާދަށް މޫދަށް ގޮސް އުޅޭއިރު، ބަރުދަން ލުއިކުރަން ބޭނުން ނަމަ ފަތަންވީ ވަކި ހާއްސަ ސްޓައިލެއްވެސް އެބައޮތެވެ. އެންމެ ބުއްދިވެރި ގޮތަކީ މޫދު ތެރޭގައި އޮވެގެން "ބަޓަފްލައި ސްޓްރޯކް" ޖަހާ ސްޓައިލަށް ފެތުމެވެ. މިއީ ފެތުމުގެ ސްޓައިލްތަކުގެ ތެރެއިން އެންމެ ދުވެލި ލަސް ސްޓައިލްއެވެ. މިއީ ފެންގަނޑު ތެރެއިން ރޮނގުކަފާފާ ދާހެން މާ ފަސޭހައިން ކުރިއަށްދެވޭނެ ސްޓައިލެއް ނޫނެވެ. ފެތުމުގައި ބޭނުންކުރާ އެހެން ސްޓައިލްތަކާ އަޅާ ބަލާއިރު ބަޓަފްލައި ސްޓްރޯކްގެ އެހީގައި ހަށިގަނޑުން ގިނަ އަދަދެއްގެ ކެލަރީޒް އަންދާލެވެއެވެ. 10 މިނެޓް ވަންދެން ބަޓަފްލައިސްޓްރޯކް ޖަހައިފިނަމަ، ގާތްގަނޑަކަށް 150 ކެލަރީޒް އަންދާލެވިދާނެއެވެ. ބަރުދަނުގައި ގާތްގަނޑަކަށް 72.5 ކިލޯގްރާމް ހުންނަ މީހަކަށް ގަޑިއިރެއްގެ ތެރޭގައި 774 ކެލަރީޒް އަންދާލެވިދާނެއެވެ.

މޫދަށް ގޮސް ގަދައަށް ފަތާލުމުން އާދަޔާ ހިލާފަށް ބަނޑުހައިކަމެއް އިހުސާސް ކުރެވެނީވެސް މިހެންވެއެވެ. އެއީ ރަނގަޅަށް ފަތާލެވުމުން ކެލަރީޒްތައް އަނދައިގެން ދިއުމުންނެވެ. ފިނިފެންގަނޑެއްގައި ފަތާނަމަ ކެލަރީޒް އަނދާލެއް އަވަސްވެއެވެ. ފަތައިގެން ކެލަރީޒް އަންދާލެވުން ބަރޯސާވަނީ ފެންގަނޑު ތެރޭގައި ތިބާ ހަރަކާތްތެރިވާ ނިސްބަތެއްގެ މައްޗަށެވެ.

ފަތާއިރު ބަޓަފްލައިސްޓްރޯކް ޖަހާނެ ގޮތުގެ އިރުޝާދެއް/ފޮޓޯ: ސްވިމްޓީޗް

އެމެރިކަން ކައުންސިލް އޮން އެކްސަސައިޒް ބުނާ ގޮތުގައި، އާދައިގެ ގޮތަކަށް މޫދު ތެރޭގައި ފަތާލައިގެންވެސް 30 މިނެޓް ތެރޭގައި 400 ކެލަރީޒް އަންދާލެވިދާނެއެވެ. މޫދުގައި އުޅޭއިރު ދަންފަޅިތަކަކަށް ބަހާލައިގެންވެސް ފެތިދާނެއެވެ. އެގޮތުން ފުރަތަމަ ލެޕް ފިސާރި ބާރަށް ޖެހިއްޔާ، ދެވަނަ ލެޕްގައި ކުޑަ ލުޔެއް ދެވިދާނެއެވެ. މިއީވެސް ހަށިގަނޑު ސަރުބީ ވިރުވާލަދޭން މަގުފަހިކޮށްދޭ ކަމެކެވެ.

ސަމާލުވާންވީ ފުރަތަމަ ދުވަހުން ބޮންތީގައި ހިފަން މަސައްކަތް ނުކުރުމަށެވެ. އެމީހެއްގެ ހަށިގަނޑަށް ކުޅަދާނަ ވަރު ބަލައިގެން މަރުހަލާތައް ރާވަލުމެބެ. ނޫންނަމަ، ސީރިއަސް އެހެން އަނިޔާތަކެއް ލިބުން އޮންނަނީ ފިސާރި ގާތުގައެވެ.