ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ވެސް ފުލުހުން ސްޓިކާ ޖަހަމުން ދަނީ އާންމުންނަށް އުނދަގޫ ވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި، ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ދިވެހިންގެ އާދަތައް ހުންނަ ގޮތުން، އެބަޔަކު ދާތަނެއްގެ ކުރިމަތީގައި ޕާކު ނުކުރެވޭ ނަމަ، ޕާކިން ޒޯނަކަށް ބެލުމެއް ނެތި ޕާކު ކުރަމުން ދިއުމަކީ މިއަދުވެސް ފެންނަމުން ދާ ހަގީގަތެއް ކަމަށެވެ.

އަދި އެކަން އެގޮތަށް ކުރުުމުގެ ސަބަބުން އެކަމުގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާ ކަމަށާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ ވެސް ތަންފީޒު ކުރަން ޖެހޭ ގާނޫނަކަށް ވާއިރު، އެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅު ވަކި ގަވާއިދަކުން އާންމު ކުރެވިފައި ވާނެ ކަމަށެވެ.

"އެހެންކަމުން އާންމު ރައްޔިތުންގެ މަސްލަހަތާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ދޫކޮށްލުމަކީ ވެސް ކުރެވޭނެކަމެއް ކަމުގައި ނުފެންނާތީ ފުލުހުން ސްޓިކާ ޖަހަމުން ގެންދަނީ ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި،"
މިނިސްޓަރު އައިޝާ

މިނިސްޓަރު ވިދާޅުވީ މިކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާ ދިރާސާ ކުރެވެމުން ދާ ކަމަށެވެ. އަދި ފުލުހުން ސްޓިކާ ޖަހަމުން ދަނީ އާންމުންނަށް އުނދަގޫވާ ގޮތަށް ޕާކު ކޮށްފައި ހުންނަ ވަކި ތަންތަނުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ސްޓިކާ ޖަހާ ތަންތަން؛

  • މިސްކިތްތައް ކައިރި
  • ކަފިހުރަސް ނުވަތަ ދުވާރުމަތީގައި ބަހައްޓާފައި ހުންނަ އުޅަނދު
  • މަގު ނުވަތަ ގޯޅިކަންމަތީގައި ބަހައްޓާފައި ހުންނަ އުޅަނދު
  • ސްކޫލަށް އަންނަ ދަރިވަރުން ނުވަތަ ބެލެނިވެރިންނަށް އުނދަގޫވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދު
  • ހޮސްޕިޓަލްތަކަށް ވަދެ ނުކުތުމަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުންނަ އުޅަނދު
  • ބޭންކްތަކަށް ވަދެ ނުކުތުމަށް ޕާކްކޮށްފައި ހުންނަ އުޅަނދު
  • ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައި ހުންނަ ސަރަހައްދުގައި ޕަކްކޮށްފައި ހުންނަ އުޅަނދު
  • ފުލުހުން ކޯން ނުވަތަ ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދުގައި ހުންނަ އުޅަނދު އަދި
  • ޑަބަލް ލައިން ދަމާފައި ހުންނަ ތަންތަނުގައި ޕާކްކޮށްފައި ހުންނަ އުޅަނދު

މިިނިސްޓަރު ވިދާޅުވީ ތޮއްޖެހިފައި ވާ މާލޭގެ މަގުތަކަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި ވަނީ ޕާކު ކުރާނެ ތަންތަން ގާއިމު ކުރެވިފައި ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

"މިއަހަރުގެ ނިޔަލަށް މާލޭގެ އެކި ސަރަހައްދުތަކުގައި ސައިކަލްތަކަށް 1000 އާއި 1500 އާ ދެމެދުގެ އަދަދެއްގެ ޕާކިން ސްލޮޓް ހަމަޖައްސަން ނިންމާފައިވާ އިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 100 އަށްވުރެ ގިނަ ޕާކިން ސްލޮޓް ހަމޖެހިގެންދާނެ. މާލެގައި މިހާތަނަށް ޕާކިން ޒޯނުގެ ގޮތުގައި ހަމަޖައްސާފައިވާ ތަންތަނަކީ މަޖީދިއްޔާ ސްކޫލް ކުރިމަތި، ފިނޭންސް މިނިސްޓްރީ ވެލާނާގެ ޕާކިން، އެމްއެމްއޭ ކައިރި އަދި މާފަންނު ސަހަރާ ކައިރި،"
މިނިސްޓަރު އައިޝާ

މިނިސްޓަރު ވިދާޅުވީ މާލޭގައި ޕާކު ކުރާނެ ބިލްޑިން ނުވަތަ ތަންތަން ހެދިކަމުގައި ވީނަމަވެސް މާލޭގެ ޕާކިންއަށް ހައްލު ލިބިގެން ދާނީ މާލެގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރު ކޮންޓްރޯލް ކުރެވިގެން ކަމަށެވެ.

އަދި މުޅި މާލެގައި ދުއްވާ އެއްޗެހީގެ ތޮއްޖެހުން ކުޑަކުރުމަށް ކެބިނެޓް ލެވެލްގައި މަސައްކަތް ކުުރުމަށް ވާނީ ކަރުދާހެއް ހުށަހަޅުއްވާފައި ކަމަށާއި، އެ ކަރުދާހުގައި ވަރަށް ތަފްސީލުކޮށް ޓްރެފިކް މައްސަލައިގެ ހައްލު ހުށަހެޅިފައި ވާނެ ކަމަށެވެ.