ރޭގެ ވަގުތެއްގައި ކުށްލި ގޮތަކަށް އަވާހަރަވި އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖަކީ، ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ހީނަރުވެފައި އޮތް އެކުވެރިކަމުގެ ގުޅުން އަލުން އިޔާދަ ކުރައްވާ ބަދަހި ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ފަންނުވެރި މޭސްތިރި ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސުޝްމާ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، ވަކިވެގެން އެދިޔައީ ގާތް ރަހުމަތްތެރިއެއް ކަމަށާ، ސުޝްމާ އަކީ ދައުލަތާ ސަރުކާރުގެ ކަންކަން ހިންގެވުމަށް އިންތިހާއަށް ގާބިލު ކަނބަލެއް ކަމަށާ، ދޭދޭ ގުޅުންތައް ބިނާކުރެއްވުމުގައި ނަމޫނާ ޑިޕްލޮމެޓެއް ކަމަށެވެ.

ކުށްލި ގޮތަކަށް ސުޝްމާ އަވަހާރަވި ވާހަކަ އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާ، މި ފުރުސަތުގައި އިންޑިއާގެ ހުރިހާ ރައްޔިތުންނަށްވެސް ތައުޒިޔާ ދަންނަވާ ކަމަށް މިނިސްޓަރު ޝާހިދުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ދުށް އެންމެ މަގުބޫލު ހާރިޖީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުޝްމާ، ވެރިރަށް ނިއުދިއްލީގެ އެއިމްސް ހޮސްޕިޓަލަށް ގެންދެވުނީ އިންޑިއާ ގަޑިން ރޭ 09:30 ހާއިރުއެވެ. ހޮސްޕިޓަލަށް ގެންދެވުނު ގޮތަށް ސުޝްމާއަށް ފަރުވާ ދީފައި ވަނީ އެމާޖެންސީ ވޯޑުގައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ސުޝްމާ އަވަހާރަވީ ކާޑިއެކް އެރެސްޓަކަށް ފަހުގައެވެ.