ކުރީގެ ނައިބު ރައީސް އަހަމަދު އަދީބު ފިއްލެވި ޓަގު ބޯޓާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ޓަގު ބޯޓު "ވާގޯ 9" އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާތީ، ތަހުގީގުގެ ބޭނުމަށްޓަކައި، އެ ބޯޓު ރާއްޖެ އައުމުން ހިފަހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި އެދިފައި ވާނެ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ޓަގު ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ކަސްޓަމްސް އަށް ގުޅުމުން އެ ފަރާތުން ބުނީ، މި މައްސަލަ އަކީ ފުލުހުންނާއި ގުޅިގެން ތަހުގީގުކުރާ މައްސަލައަކަށް ވުމާއެކު މި މައްސަލައާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރާނީ ފުލުހުން ކަމަށެވެ.

ދިގު މިނުގައި 26 މީޓަރު ހުންނަ އެ ޓަގު ބޯޓު ގައި އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން، އިންޑިއާއިން އެމަނިކުފާނު ހިފެހެއްޓެވި ކަމަށް ހަބަރުތައް ފެތުރުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3 ދުވަހުގެ ދިގު ދަތުރެއް ކުރި ޓަގު ބޯޓަށް އަދީބު އެރުއްވީ ރާއްޖެއާ 150 ނޯޓިކަލް މޭލު ބޭރުންނެވެ.

އަދީބު އިންޑިއާ އިން ހިފަހެއްޓި އިރު އެމަނިކުފާނު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަވައިފި ނަމަ އެމަނިކުފާނު ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. އެގޮތުން އަދީބު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އިންޑިޔާއިން އެކަން ބަލައިގެންފައެއް ނުވެއެވެ.

ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނެވި މައްސަލައިގައި މިހާރު އަދީބު ވަނީ ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައެވެ. އަދީބު ހައްޔަރު ކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލި މަގުމަތީގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށް ބުނެ މިދިޔަ ހޯމް ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.