މިފަހަކަށް އައިސް ފެނިގެންދާ ބައެއް ކައިވެނި ހަފުލާތަކަކީ އޭގެ ހަގީގީ މަގުސަދު ހާސިލުވާ ހަފުލާތަކެއްތޯ ސުވާލު އުފެދޭ ފަހަރު އާދެއެވެ. ކައިވެނި ކުރާ ދެމީހުންނަށް ލިބެންވީ ހަގީގީ އުފަލަށްވުރެ ބޮޑަށް، އިޖުތިމާއީ ޕްލެޓްފޯމުގައި ތިބި ބަޔަކު ބަލައި ނުގެންފާނެ ކަމެއް ކުރެވިދާނެތީ ހާސްވެގެން އުޅޭ މަންޒަރު ފެންނަލެއް ގިނަވެއްޖެއެވެ. އެހެންކަމުން މި ބަލާލަނީ ކައިވެނި ޕާޓީތަކާ ގުޅިގެން ސޯޝަލް މީޑިގާއި ދައްކަންނުވާ ބައެއް ވާހަކަތަކަށެވެ.

1. ހައިބަތާ މުއްސަނދިކަމާ ތަނަވަސްކަމުގެ ދެއްކުންތެރިކަން

ކައިވެނިޕާޓީއަށް ކޮށްލާފައި އޮންނަ ބޮޑު ހޭދައިގެ ވާހަކަ ސީދާ އަގުތައް ބަޔާން ނުކުރި ނަމަވެސް ސޯޝަލް މީޑިއާގައި ހިއްސާކުރާލެއް މަދެއް ނޫނެވެ. މޮޅެތިހާ ކެއުންތަކުން ޖާފަތްތައް މުއްސަނދިކޮށް، ލޮލުކޮޅަށް ނުފެންނަހާ އުސް ކޭކުތައް އަޅާ، ލޯ ތަރަތަރަޖަހައިގެންދާ ވަރަށް ކުލަ ބޮކިތަކުން ހަފުލާ ފަޅުފިލުވާފައިވާއިރު، ދުވާލެއްގެ 3 އިރު ކެއުން ހަމައަށް ކާން ނުލިބޭ ބަޔަކު، މި ފަސްގަނޑުގައިވެސް ތިބިކަން ގަބޫލުކުރަންޖެހެއެވެ. ކައިވެނީގެ ހަފުތާގައި ތިބާ ލައިގެން ހުރީ ކިތަންމެ އަގުބޮޑު ހެދުމަކަށްވިއަސް، ނުވަތަ އަޅައިގެން ހުރީ ކިތަންމެ އަގުބޮޑު ގަޑިއަކަށް ވީ ކަމުގައި ވީ ނަމަވެސް، މި ވާހަކަތައް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އަނެކުންގެ ހިތަށް ދަތިވެދާނެ ހުރިހާ ކަމަކުން ދުރުވާންޖެހެއެވެ. ތިބާގެ ތަނަވަސްކަން ހުރި ނަމަ އެކަމެއް ކުރާށެވެ. ނަމަވެސް ދެއްކުންތެރި ނުވާށެވެ.

2. އާއިލީ ޑްރާމާ

ކައިވެންޏަކީ ދެ އާއިލާއެއްގެ ގުޅުން ބަދަހިވެގެންދާ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. ދެ ލޯބިވެރިންގެ ހިޔާލު ކިތަންމެ އެއްގޮތް ކަމުގައި ވީ ނަމަވެސް 2 އާއިލާގެ މެމްބަރުންގެ ހިޔާލު އެއްގޮތް ނުވެދާނެއެވެ. ވާކަށް ނުވެސްޖެހެއެވެ. ކަންމިހެން އޮތުމުން ކައިވެނި ހަފުލާގެ ތެރޭގައި އެއް އާއިލާއިން އަނެއް އާއިލާގެ މައްޗަށް ނުސީދާ ގޮތުން ބާރު ހިންގޭ ފަހަރުވެސް އާދެއެވެ. ބްރައިޑްސް މެއިޑުންނާ ފްލާވާގާލްއިން ތިބުމަކީ އަދުގެ ކައިވެނި ހަފުލާތަކުގައި ލާޒިމުކަމަކަށް ވެފައި އޮންނައިރު މިފަދައިން ކުދިން ހޮވުމުގައި ޖެހޭ މައްސަލަތަކާ، އެކުދިންގެ ފޮޓޯތައް ނެގުމުގައި ޖެހޭ މައްސަލަތައްވެސް ފެންމަތިވަނީ މަދެއް ކޮށެއް ނޫނެވެ. މިފަދަ ވާހަކަތަކަކީ ތިބާގެ ސޯޝަލް ނެޓްވާކުގައި ތިބި މީހުންގެ މެދުގައި ކިތަންމެ ހިނގާނެ ކަމަކަށް ވީ ނަމަވެސް، އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރާށެވެ. މިހެން ކަންކޮށްގެންވެސް އެދެވެނީ އެމީހަކަށް އިތުރު އަނިޔާއަކަށް ވެދާނެއެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް ޅިޔަން ފަހަރިންނަށް ބުލީ ކުރެވުނީ ކަމުގައި ވެދާނެއެވެ.

އާސެނަލްގެ މިޑްފީލްޑާ މެސޫތް އޮޒިލް (ވ)ގެ ކައިވެނި ހަފުލާގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ބީބީސީ ސްކްރީންގްރޭބް

3. ބޮޑު ދުވަހަށް ކައުންޓްޑައުން ޖެއްސުން

ކައިވެންޏާ ބެހޭ މައުލޫމާތު އެނގެންވީ އެންމެ ގާތް މީހުންނަށް އެކަމުގެ މައުލޫމާތު އޮންނާނީ އެނގިފައެވެ. ޒަވާޖީ ހަޔާތެއް ފަށަށް ސައުވީސް ގަޑިއިރަށްވުމުން ނުވަތަ ދަންބައެއް ހަމަވަނިއޭ ބުނެ ސޯޝަލް މީޑިއާގައި ކައުންޓްޑައުނެއް ޖެއްސުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ ތިބާއަށާ، އެކަން އެނގެންވީ އެންމެނަށް އެކަން އޮންނާނީ އެނގިފައެވެ. ހެދުން އަޅަންވީ ގަޑިއާއި، ދާންވީ ގަޑިވެއް އޮންނާނީ އެނގިފައެވެ. ވީ އިރު ސޯޝަލް މީޑިއާގައި ކައުންޓްޑައުން ފަށައިގެން އިތުރު ބައެއްގެ ހިތްތެޅުވުމުގައި އޮތީ ކޮން ފައިދާއެއް ތޯ ވިސްލާނާށެވެ. ފަހަރެއްގައި، ހަސަދަލާ މީހެއްގެ ދުލު ވިހަ ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ބައެއް މީހުން ގަބޫލުކުރެއެވެ.

4. ލިބެންއުޅޭ އާއިލާގެ ވާހަކަ ކައިވެނީގެ ކުރުން ހިއްސާކުރުން

އަދުގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކައިވެނީގެ ކުރިން ދެ އާއިލާގެ މެމްބަރުންނާ ބައްދަލުވެ އެއްބައެއްގެ ގޮތުގައި ދެ ލޯބިވެރިން އުޅޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިހެން އުޅޭ އުޅުމުގައި ސޯޝަލް މީޑިއާގެ ސަފުހާއަކަށް މި ވާހަކަތައް ނާރާދަނީ ވެސް މަދު ފަހަރަކުއެވެ. ނަމަވެސް ސަމާލުކަންދޭންވީ ކަމަކީ، އެ އާއިލާގެ މެމްބަރެއްގެ ގޮތުގައި ތިބާ އެ އާއިލާއާއި ގުޅުމުގެ ކުރިން، އެމީހުންގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމެވެ. އިޖުމާއީ ވިއުގާގެ ދުނިޔޭގައި ތިބާއަކީ އެއާއިލާގެ މެމްބަރެއް ކަމުގައި ބަލައިގަތުމަށް އެ އާއިލާއިން އަދި ނުރުހިފައިވެސް އޮވެދާނެއެވެ. ކައިވެނީގެ ރަސްމީ ކަންކަން ނިމުމުން ނޫނީ އެއްވެސް ކަމެއް ސޯޝަލް މީޑިއާގައި ބަޔާން ނުކުރާށެވެ.

ދެ ލޯބިވެރިން އަތުގައި ހިފާލައިގެން/ފޮޓޯ: ސީކާޒް ގައިޑަންސް

5. ހަނީމޫން ޕްލޭން ހާމަކުރުން

މިއީ ޗެކިންއާއި 'ޓްރެވިލިންގް ޓު'ގެ ޒަމާނެވެ. ސޯޝަލް މީޑިއާގައި އެވާހަކައެއް ޖަހާލަމުން ނޫނީ ވިސާވެސް ނުލީބެނީ ކަމަށް ހީވެފައި އޮތީ ކަމަށްވެސްވެދާނެއެވެ. ނޫނީ ހަމަ ދެއްކުން ތެރިކަމެވެ. ދެމަފިރިއެއްގެ ހަޔާތުގެ ފުރަތަމަ ރޭ ހޭދަކުރާނެ ތަނަކާ، އެ ހޭދަކުރާނެ ގޮތެއްގެ ވާހަކަ މުޅި ދުނިޔެއަށް އަންގާކަށް ނުޖެހެއެވެ. ތިބާއާއި ތިބާގެ ހަޔާތުގެ ބައިވެރިޔާ، "މާމުއިހަނދަށް" ކުރާ ދަތުރުގެ ވާހަކަ އެނގެންވީ ބަޔަކަށް އޮންނާނީ އެނގިފައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު މިއިން ކޮންމެ ކަމަކީވެސް މި ކުޑަކުޑަ މުޖުތަމައުންވެސް މިއަދު ފެންނަމުންދާ ކަންކަމެވެ. ކައިވެންޏަށް ވާ ތައްޔާރީތަކާ، ކައިވެނީގެ ހަފުލާ ތެރޭގައި ކަން ހިނގާ ދާ ގޮތާ، ކައިވެނީގެ ފުރަތަމަ ރޭ ކަން ހިނގާދާ ގޮތްވެސް އޮންނަނީ ސޯޝަލް މީޑީއާގައެވެ. ދެމީހުންގެ ހަގީގީ ދިރިއުޅުމުގައި މި އުފާ ހަގީގަތުގައިވެސް އޮތީ އެގޮތަށްތޯ ވިސްނާ ފިކުރު ކުރެވޭ ދަރަޖައަށެވެ.