ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް އިދިކޮޅު ފަރާތްތަކުން ރައްދު ދެއްވައިފިއެވެ.
މިއަދު މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ރ. މަޑުއްވަރީ އަދި މީދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އަދި މަޖިލީހުގައި މެންބަރުން ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވަނީ ސިއްހީ ދާއިރާ އަށް ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހު ސިއްހީ ދާއިރާއަށް އަޅާނުލާ ދޫކޮށްލި ދޫކޮށްލުމަކީ، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ވާނީ ދުރު ވިސްނުމެއް އޮވެގެން ތަސައްވުރެއް އޮވެގެން ކަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އަމީނަށް ރައްދު ދެއްވަމުން ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އެހެން ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ ތިމާއާ ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރުން ނޫން ކަމަށެވެ. އަދި ރައްޔިތުން ހަވާލު ކުރެއްވި އެ ޒިންމާ އަށް ޖަވާބުދާރީ ވެލެއްވުމަށް ނާޒިމް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓަރު އަމީނަށް ރައްދު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ހުރިހާ ދާއިރާއަކަށް ވެސް ޖެހިފައިވާ ގޮން ޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކަހަލަ ނާގާބިލް ސަރުކާރަކަށް ހިފަހައްޓާ ނުލެވޭ ވަރަށް ކުރިއެރުން ގެނެސްފައި ހުރުން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ވާނުވާ އެނގިވަޑައިނުގަންނަވާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެެ.