މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގާ އިމާރާތް މަރާމާތު ކުރުމަށް، އެމިނިސްޓްރީ އިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، އެ މިނިސްޓްރީގެ އިމާރަތް މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށާއި، އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލެ ފެރީޓާމިނަލްގެ އިރުމަތީ ހުންނަ އިމާރާތް) އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ދޭނީ ސޯމިލް ބިލްޑިންގުން ކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ މަރާމާތުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީ ވަގުތީގޮތުން ބަދަލުކުރާ ދުވަސްތަކުގައި މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޗައިނާގެ އެހީގައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮން އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ ޕްރޮޖެކްޓް އެއްބަސްވުމުގައި ސޮއެކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި އެއްބަސްވުމުގެ ދަށުން އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ އެއްބަސް ވެފައެވެ. އެހެން ކަމުން މި މަސައްކަތް ނިމުމުން ފޮރިން މިނިސްޓްރީގެ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ.